ކުދިކުދި ކަންކަމުންވެސް އަގުނުކުރެވޭ ވަރުގެ ބޮޑު ހިތްހަމަޖެހުމާއި، އުފާ ހާޞިލްކުރެވެއެވެ. އަދި މިލިޔަނުން ޚަރަދުކުރި ނަމަވެސް، ބައެއްފަހަރު، އުފާވެރިކަމާއި، ހިތްހަމަޖެހުން ހާޞިލް ނުވެދެއެވެ. އުފަލާއި ހިތްހަމަ ޖެހުމަކީ ފައިސާއިން ގަނެ ނުލެވޭނެ އެއްޗެއްގެ ގޮތުގައި މީހުން ސިފަކުރުމުގެ ސިއްރަކީވެސް މިއެވެ.
އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެން ދިޔުމަކީ ހަދިޔާއަކާއި އެއްވަރުގެ ކަމެކެވެ. އަދި މިފަދަ ހަދިޔާއެއްގެ އަގު އަހަރަމެން ވަޒަންކުރަން ޖެހޭނެއެވެ. ކުދިކުދި ކަންތައްތަކުން ލިބިގެންދާ އުފާވެރިކަމުގެ ވާހަކަ މި ދެކެވެނީ ކީއްވެތޯ ސުވާލު އުފެދުން އެކަށީގެންވެއެވެ.
ކުދިކުދި ކަންކަމުން ލިބިގެންދާ އުފާވެރިކަން، އައިއޭއެސް އޮފިސަރު އަވާނިޝް ޝަރަން، އޭނާގެ ސޯޝަލްމީޑިޔާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ދައްކުވައިދެއެވެ. މިވީޑިއޯ އިން ފެނިގެންދަނީ، ބޭނުންކޮށްފައިވާ ސެކަންޑް ހޭންޑް ބައިސްކަލެއް ގެއަށް ގެނައުމުން ކުޑަ ފިރިހެންދަރިފުޅު އުފަލުން ފޮޅި، ފުންމަ ފުންމާ ހުންނަ މަންޒަރެވެ. މި ވީޑިއޯ ކްލިޕް ސޯޝަލްމީޑިޔާގައި ވައިރަލްވެފައިވާއިރު އާދައިގެ ކުޑަކުޑަ ކަމަކުން، މިދެބަފައިންނަށް ލިބިގެންދިޔަ އަގުނުކުރެވޭ އުފަލާއި ހިތްހަމަޖެހުން، ވަރަށް ގާތުން ދައްކުވައިދެއެވެ.
ސޯޝަލް މީޑިޔާގައި ވައިރަލްވެފައިވާ ވީޑިއޯގައި، ބައްޕަ ބައިސްކަލުގައި މާފަތި އަޅުވައި، ފެންކިޔަވައި އަޅާ މަންޒަރުވެސް ފެނެއެވެ. އަދި މުޅި ވީޑިއޯގައި ފެނިގެން ދަނީ، ދެބަފައިންގެ މޫނުމަތިންފެންނަ ހިނިތުންވުމާއި، ކުޑަ ފިރިހެން ދަރިފުޅު އުފަލުން ފުންމަ ފުންމާ ހަދާ ތަނެވެ. ޝުކުރު އަދާކޮށް ދުޢާކުރުންފަދަ ކަމެއް ފިރިހެންމީހާ ކުރާއިރު، އެކަމުގައި ދަރިފުޅު ވެސް ބައިވެރިވާތަން ފެނިގެންދެއެވެ. ވީޑިއޯގައި ފެނިގެންދަނީ އުފާވެރި މަންޒަރަކެވެ. ދެބަފައިންގެ މޫނުމަތިން ފެނިގެންދާ އުފާވެރިކަމަށް ބަލާއިރު، އެއީ ހަމައެކަނި ސެކަންޑް ހޭންޑް ބައިސްކަލެކޭ ނުބުނެވޭނެއެވެ. ދެބަފައިންގެ އެކްސްޕްރެޝަން ބުނެދޭގޮތުން އެމީހުންނަށް އެބައިސްކަލް ވެގެންދަނީ، އާ މާސެޑީޒް ބެންޒް ކާރެއް ގަނެވުން ކަމުގައި ކެޕްޝަންގައި ލިޔެފައި ވެއެވެ.
ދެބަފައިންގެ މިވީޑިއޯ ސޯޝަލް މީޑިޔާގައި ޝެއާ ކުރުމުން، މިލިޔަނަކާއި ގާތަށް ވިއުސް ލިބިފަ އެވެ. ވީޑިއޯ ބެލި ގިނައަދަދެއްގެ މީހުންނަށް މިއީ ހިތްގައިމު އުފާވެރި ވީޑިއޯއެއްގެ ގޮތުގައި މިވީޑިއޯ ބަލައިގެންފައިވާއިރު، ދެބަފައިންނަށް، އުފާވެރިކަން ގެނެސްދިން މިބައިސްކަލުގެ ސަބަބުން، ބައްޕަޔާއި ދަރިފުޅުގެ ދިރިއުޅުމަށް އުފާވެރިކަން ލިބި، އެދެބަފައިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުމަށް ވީޑިޔޯ ބެލި ގިނަބަޔަކު އުއްމީދުކުރެއެވެ.
ވީޑިޔޯ ބެލި މީހަކު ކޮމެންޓް ކޮށްފައިވާގޮތުގައި، މިފަދަ އުފާވެރި ވީޑިއޯއެއް ބަލާލުމުން މުޅިދުވަހަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެކަމަށެވެ. އެކުޑަކުއްޖާގެ އުފާވެރި އުފާވެރިކަން، އެއްވެސް ހިފަހެއްޓުމެއްނެތި، ފެތުރި، އެތަށް ބައެއްގެ މޫނަށް ހިނިތުންވުން ގެނުވައިފިއެވެ.
ތެދެކެވެ، ފައިސާއަކީ އުފާވެރިކަމުގެ މިންކުރުމަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ. މިލިއަނަރުން އެތަށް މިލިޔަން ފައިސާއެއް ޚަރަދުކޮށްގެންވެސް، މިފަދަ އުފާވެރި ވަގުތު ދަރިންނާއިއެކު ހޭދަނުކުރެވުމުގެ އިތުރުން މިފަދަ އުފާވެރި އިޙްސާސްވެސް އަމިއްލަ ދަރިންނަށް ގިނަފަހަރު ހޯދައި ނުދެވެއެވެ. އާދައިގެ ކުޑަ ކަމަކުންވެސް، ބައެއްގެ ދިރިއުޅުމަށް ހީނުކުރާހާ ބޮޑު ބަދަލެއް ގެނެވި، އުއްމީދު ނުކުރާހާ ބޮޑު ހިތްހަމަޖެހުމެއް ދެވިދާނެއެވެ.

