މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި “މިނިސްޓްރީ އޮފް ހެޕިނެސް” ގެ ނަމުގައި މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ފުދުންތެރި ދިވެހިން އުފެއްދުމަކީ އެމްއެންޕީގެ އަމާޒެއް ކަމަށާއި ނަމަވެސް އިސްރަށްވެހިން މިއަދު ފުދުންތެރި ދިވެއްސަކަށް ނުވާއިރު އެމީހުން ވަނީ ވަރަށް ބޮޑަށް ބާކީކޮށްލާފައި ކަމަށެވެ.
އެގޮތުން އިސްރަށްވެހިންގެ ޖަމިއްޔާ އިން ހުރިހާ ރައީސުންނާއި ކަމާބެހޭ ވުޒާރަތަކާއި ބައްދަލުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެން ނަމަވެސް ހުރިހާ ފަރާތްތަކަކުން ވެސް އެ ޖަމިއްޔާ އަށް ދީފައިވާ ޖަވާބަކީ ބަޖެޓުގެ ދަތިކަން ހުރި ކަމުގެ ޖަވާބު ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ބޮޑު މުސާރަ ނަގައިގެން މަޖިލީހުގައި ކުރާ ކަމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ހިދުމަތުގައި ތިބޭ ފަރާތްތަކަށް ރަނގަޅު ގޮތްތައް ވުން ކަމަށާއި އެގޮތުން އެމްއެންޕީގެ ވެރިކަމެއްގައި “މިނިސްޓްރީ އޮފް ހެޕިނެސް” އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ 40 ވަރަކަށް އަހަރު ދައުލަތައް ހިދުމަތް ކޮށްފައި ތިބި މީހުން ނުވަތަ 20 ވަރަކަށް އަހަރު ދައުލަތައް ހިދުމަތް ކޮށްފައިވާ މީހުން ކޮށްފައި އެވަނީ ވަރަށް ބޮޑު ހިދުމަތެއް ކަމަށެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް ޕެންޝަން ދެމުން ގެންދަނީ ރަނގަޅު އުސޫލަކުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

