މި އަހަރު ރާއްޖޭން ހައްޖަށް ގެންދަން ލިބުނު ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދީފައިވާ އިރު، އެ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލި 100 ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަދުވަހު ހުޅުވާލާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖަށް ގެންދަން ހައްޖު ކޯޕަރޭޝަނަށް ދީފައިވާ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައަޅާނީ ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ.
އެގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނެގޭނެ ކަމަށާއި ވެއިޓިން ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ އާންމުކޮށް ހުޅުވައިލި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76،960 ރުފިޔާ ކަމަށެވެ. އަދި އެ ކޯޓާގައި ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ގިނަވަގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
ހައްޖު ކޯޕަރޭޝަނަށް ދީފައިވާ 100 ކޯޓާ އަށް ކުރިމަތިލެވޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، މި އަހަރުގެ ޖޫން 15 އަށް 65 އަހަރުވެފައި ނުވާ ފަރާތްތަކަށް ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ކޮވިޑްގެ ދެ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށް ވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

