މިހާރު ކުރިއަށްދާ 23 ވަނަ އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތުގައި އިތުރު ރިކޯޑެއް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ނާހިލް ނިޒާރު މުގުރާލައިފިއެވެ.
މިއީ މި މުބާރާތުގައި ބައިވެރިވެ ނާހިލް މުގުރާލި ތިންވަނަ 3 ރިކޯޑެވެ. އޭނާ މި ރިކޯޑް މުގުރާލާފައިވަނީ ލޯންގް ޖަމްޕް 6.43 މީޓަރު ޖަހައިގެންނެވެ.
މިއީ ނާހިލް މުގުރާލި 3 ވަނަ އިންޓަރ ސްކޫލް ރިކޯޑެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ މުގުރާލީ 100 މީޓަރު ދުވުމުގެ ރިކޯޑެވެ. އެ ރިކޯޑް މުގުރާލާފައިވަނީ މިމުބާރާތުގައި މި މަހު 24 ވަނަ ދުވަހު އޮތް ދުވުމުގައި 11.2 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަދި ނާހިލް 200 މީޓަރު ދުވުމުން ރިކޯޑް މުގުރާލާފައިވަނީ މިމުބާރާތުގައި އިއްޔެ އޮތް ދުވުމުގައި ބައިވެރިވެ 23.2 ސިކުންތުން ރޭސް ނިންމައިގެންނެވެ.
3 ރިކޯޑާއި އެކު ނާހިލް އަކީ އިންޓަރ ސްކޫލްގައި މިހާރު އެންމެ ބާރު ދުވުންތެރިޔާއަށް ވާއިރު، މީގެ ކުރިންވެސް މިމުބާރާތުގައި ވާދަކޮށް ގިނަ ކާމިޔާބީ ވަނީ ހޯދާފައެވެ. ނާހިލް އަކީ 100 މީޓަރާއި، 200 މީޓަރު ދުވުމާއި ލޯންްގް ޖަމްޕްގެ އިތުރުން ރިލޭތަކުގައިވެސް ގިނަ ކާމިޔާބީ ހޯދާ ދަރިވަރެކެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ނާހިލްގެ ކޯޗް ރައުހަތު ޤުދުރަތުﷲ ބުނީ މި ފަހަރު މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ލޯޑް ބޮޑު މުބާރާތް ކަމަށާއި، ނާހިލް ހުސްވަގުތު ލިބެންވާ ވަރަށް ލިބުނު ނަމަ މި ރިކޯޑްތައް މިއަށްވުރެ ބޮޑުތަނުން މުގުރާލާނެ ކަމަށެވެ.

3 ރިކޯޑް މުގުރާލި ނާހިލް އާއި އޭނާގެ ކޯޗް ރައުހަތު
މިހާރު ކުރިއަށްދާ 23 ވަނަ އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތަކީ އެތްލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލުތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

