އިންޑިޔާގައި ތަމްރީނު ހަދަމުންދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ހަދާނުގައި ހިނަވާ ގެއެއް އަޅައިފިއެވެ.
އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ތަމްރީން ހަދަމުން ދަނިކޮށް ކުއްލިގޮތަކަށް ނިޔާވި އއ. ހިމަންދޫ މުހައްމަދު ސުލްތާނު އެމްއެންޑީއެފްގެ ވަޒީފާގައި އުޅުނުއިރު އޭނާ ފަހަށް ރައްކާކުރި ފައިސާއިން އެރަށުގައި ހިނަވާ ގެއެއް އަޅައިފިއެވެ.
ސުލްތާންގެ މަންމައާއި ބައްޕަ މިއަދު ވަނީ ހިނަވާގެ ރަސްމީކޮށް ބޭނުން ކުރަން އެތަން ކައުންސިލާ ހަވާލުކޮށްފައެވެ.
ސުލްތާނު ނިޔާވީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީން ޒޯންގައި އޮތް އެނޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ. އެ ދުވުމުގެ ތެރޭގައި ސުލްތާން ވެއްޓުމުން ވަގުތުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް ސުލްތާން ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
އެހެންކަމުން ސުލްތާނުގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ އަސްކަރީ ޝަރަފާއެކުގައެވެ.
މިހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރ 25 ވަނަ ދުވަހުގައެވެ.
ސުލްތާނަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމަ އެކަނި ފިރިހެން ދަރިއަށް ވީއިރު އޭނާއަކީ އަބަދުވެސް ވަރަށް ބަސްއަހާ، ކިޔަމަންތެރި އަދި އެންމެންނާ ވެސް ގުޅޭ ނުހަނު އެކުވެރި މިޒާޖެއްގެ ވެރިއެއްކަން، ސުލްތާން ދަންނަ އެންމެން ފާހަގަ ކުރެއެވެ.

