ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއް ލާމަރުކަޒީ ނިޒާމާ ގުޅުވާލުމުގެ އެއް ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ ، ތަނަވަސްވާނެ ގޮތެއް ހޯދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ “ވިއަވަތި ރާއްޖެ” ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު އއ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގެ ޒަރީއާއިން ކައުންސިލުތަކަށް އެންމެ ދަތިވާ ކަންކަން ދެނެގަނެވިފައިވާކަމަށާއި، އެގޮތުން ހުރިހާ ކައުންސިލުތަކަށް ވެސް ކުރިމަތިވަނީ ދާދީ އެއްކަހަލަ ގޮންޖެހުންތަކެއްކަން ބައެއް މިސާލާއެކު ފާހަގަކުރެއްވިއެވެ. އެ ގޮންޖެހުންތަކަށް ޙައްލުހޯއްދެވުމަށް މަސައްކަތްކުރައްވާއިރު އޭގެ ތެރޭގައި ސަރުކާރުން އިޞްލާހު ކުރަންޖެހޭ ކަންކަމާއި ކައުންސިލުތަކުން އިޞްލާޙުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި ވިއަވަތި ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ސަރުކާރާ ކައުންސިލުތައް އެއްމޭޒުވެ މިކަންކަމަށް ޙައްލު ހޯދޭނެގޮތެއް ހޯއްދެވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.
އަދި ކައުންސިލްތަކަށް މާލީ ބާރުވެރިކަންދިނުމާއި ކައުންސިލްތަކުގެ އިޙްތިޞާސް ކަނޑައެޅުމާއި ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ މަޤާމުތަކަށް ބަދަލުކުރުން ފަދަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ގެންނެވި ބައެއް ބަދަލުތައް ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ، ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއް ލާމަރުކަޒީ ނިޒާމާ ގުޅުވާލުމުގެ އެއް ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ ، ތަނަވަސްވާނެ ގޮތެއް ހޯދުން ކަމަށާއި ދެވަނަ ބޭނުމަކީ ، މާލޭގައި އޮތް ތޮއްޖެހުމަށް ލުއިކަމެއް ގެނެސްދީ މާލެ ހިތްފަސޭހަ ތަނަކަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެގޮތުން ގުޅީފަޅަށް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބަދަލުކުރުމާއި ދެންވެސް މާލެ ސަރަޙައްދަށް ސަރުކާރުން ގެންނަ ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި ރާއްޖެ ލާމަރުކަޒު ވާއިރު ، މާލެއަށް ގެންނަ ބަދަލަކީ ތޮއްޖެހުންކުޑަކުރުމާއި އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމާއި އިޤްތިޞޯދީ ވެށި ތަނަވަސް ކުރުމުގެ ބަދަލެއް ކަމުގައެވެ.

