ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދު ފެހި ކުރުމުގެ މަސައްކަތުގެ ތެރެއިން އެސަރަހައްދުގައި އާންމުންނަށް ބޭނުންވާނެ ގަސްތައް އިންދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ފަށައިފިއެވެ.
އެޗްޑީސީން ބުނީ، ހިޔާ ސަރަހައްދުގެ ކޯޓް ޔާޑުތައް ނުވަތަ ކުދި ކުދި ޕާކުތައް ތަރައްގީ ކުރުމަށް ޕްލޭނިން ޑިޕާޓްމެންޓުން ނިންމާފައިވާ ކަމަށާއި އެގޮތުން އެސަރަހައްދުގައި ގަސް އިންދާނެ ސަރަހައްދު ފާހަގަކޮށް ގަސްތައް އިންދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ އެތަނުގައި އާންމު ރައްޔިތުންނަށް އިށީނދެލައިގެން ތިބެވޭނެ ގޮތަށް ގޮނޑިތަކެއް ޖަހާފައި ހުންނާނެ ކަމަށާއި އަދި ފިނިކަން ލިއްބައިދޭ ގަސްތައް ވެސް ހުންނާނެ ކަމަށެވެ.
އެގޮތުން އާންމުންނަށް އެގަސްތަކުން ބޭނުން ކުރެވޭނެ ކަމަށާއި، އެތަނުގައި ހައްދާ ގަސްތަކުގެ ތެރޭގައި ލެމަން ގްރާސް، ގަނދަކޯޅި، ހުވަދުމާ، ހިކަނދި ފަތް، ރާންބާފަތުގެ އިތުރުން ވެސް މާ ގަސްތައް ވެސް އިންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

