ރަށު ކައުންސިލަރުން ހުށަހަޅާފައިވާ ގޮތަށް އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
އެ މަނިކުފާނު އެ ގޮތަށް ނިންމެވީ އއ. އުކުޅަހުގައި މިހާރު ކުރިއަށް ގެންދާ "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ ހައްލަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ކައުންސިލަރުންގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ރައީސް ވިދާޅުވީ ކުރިން ދެބައިކުޅަ އެއްބައި ކައުންސިލްތަކަށް ޖަމާކުރަމުން އަޔަސް ކުރިއަށް އޮތް ތަނުގައި އެ ހުރިހާ ފައިސާއެއް ކައުންސިލަށް ލިބޭނެ ކަަމަށެވެ.
ރައީސް ސޯލިހު މިއަދު އިއުލާން ކުރެއްވި ގޮތުގައި އަންނަ ހަފުތާ ތެރޭގައި 2017-2019 ވަނަ އަހަރަށްވާ ކުލި ކައުންސިލްތަކަށް ދޫކުރައްވާނެ އެވެ. އެގޮތުން އަތޮޅު ފިހާރަތައް ކައުންސިލްތަކަށް ދޫކޮށްލުމަކީ، ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރިވާނެ ކަމެއްގެ ގޮތުގައި އެ ކޮންފަރެންސްގައި ބައިވެރިވި ކައުންސިލުތަކުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
ކައުންސިލަރުން އެކަން ފާހަގަ ކުރެއްވުމާ އެކު، ރައީސް ސޯލިހު ވިދާޅުވީ އަތޮޅު ފިހާރަތަކުން ނަގާ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން އެމަނިކުފާނު ނިންމަވާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެކަމަށެވެ.

