ރާއްޖޭގައި ވަޒީފާ ނެތި ދިރިއުޅެމުންދާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ބޭންކުން ރާއްޖެއަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ހިލޭ އެހީއެއް ދީފިއެވެ.
ވޯލްޑް ބެންކުން މުޅިން އަލަށް ފެށި ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓަޑް ލޭބާ ސާވިސަސް (ސެއިލްސް) މަޝްރޫއުގެ ދަށުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން މަސައްކަތްތެރިންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި އިންޝުއަރެންސާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވޯލްޑް ބޭންކުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 370 މިލިއަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
އެބެންކުން ބުނިގޮތުގައި ބޮޑު މުސާރަ ލިބޭ ވަޒީފާތަކަށް ދިވެހިން ހޯދުމަށާއި ވަޒީފާ ދޭ ފަރާތްތަކަށް ދަތިތަކެއް ހުރިކަމަށެވެ. އަދި ހަމައެހެންމެ ގިނަ ދިވެހި ޒުވާނުން އަމިއްލަ މަސައްކަތްކުރުން އިތުރުވަމުން ދާ ކަން ބެންކުން ވަނީ ފާހަނގަކޮށްފައެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި، ޒުވާނުން ރިޓަޔާކުރާ އުމުރާ އެކު، އެކަށީގެންވާ އަދަދަކަށް ފައިސާ ރައްކާކޮށް، އާމްދަނީ އަށް އަންނާނެ ހީނަރުކަމާ ކުރިމަތިލާނެ ގޮތްތައް ހޯދުމުގައިވެސް ދަތިތަށް އެބަ ހުރި ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ވަޒީފާއަށް ނުދާ މީހުން އިތުރު ކަމަށާއި، ވަޒީފާތަކަށް އަލުން ނެރެދިނުމަށް އެދަތިތަކުން އަރައިގަތުމަށް އެބެންކުން ވަނީ ރާއްޖެއަށް ހިލޭއެހީ ފޯރޮކޮށްދީފައެވެ.
ސެއިލްސް މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ވަޒީފާ ދޭ ފަރާތްތަކާއި އަދާކުރާ ފަރާތްތައް ގުޅިގެން ވަޒީފާ ނެތް މީހުންނަށް އިނާޔަތް ދިނުމަށް، ޕެންޝަން އޮފީހުން ފަންޑެއް އެކުލަވައިލުން، ސަރުކާރުގެ ޖޮބް ސެންޓަރު ފުޅާކުރުން، އެކި ސަރަހައްދުތަކުގައި ޖޮބް ސެންޓަރުގެ ފަސް ހަބު ގާއިމްކުރުމުގެ އިތުރުން ޖޮބް ސެންޓަރުތައް މެދުވެރިކޮށް ވަޒީފާ ހޯދަން އެހީތެރިވެދީ ކައުންސެލިން ދިނުން ހިމެނެއެވެ.
ވަޒީފާއެއް ނެތް މީހުން ރާއްޖޭގައި އިތުރުވަމުން ދާއިރު، ވަޒީފާއެއް ނެތި ގިނަ މީހުން ދިރިއުޅެނީ ރަށްރަށުގައެވެ. އޭގެ ތެރެއިން 46 ޕަސެންޓަކީ އަންހެނުންނެވެ.

