ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވަމުންދާ ވިއަވަތި ކޮންފަރެންސްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިނުވުމާއި ބެހޭގޮތުން އެކައުންސިލުން ދެއްކި ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
މާލެސިޓީ ކައުންސިލުން ބުނެފައިވަނީ އެކޮންފަރެންސް ބޮއިކޮޓްކޮށްފައި ނުވާނެ ކަމަށާއި ދައުވަތު ލިބުން ލަސްވުމުން އެކޮންފަރެންސްގައި ބައިވެރި ނުވެވުނީ ކަމަށެވެ.
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީގޮތުގައި މިކޮންފަރެންސްގެ ދައުވަތު ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށާއި އޭރު ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރުގައި ކަމަށެވެ. އަދި ބައެއް މެމްބަރުން މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ ދައުވަތާ މެދު ގޮތެއް ނިންމަން އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށް ނަރީޝް ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ.
މީގެއިތުރުން މިފަދަ ކޮންފަރެންސެއް ރަށުން ބޭރުގައި ބާއްވާއިރު ދުރާލައި ދައުވަތު ލިބެންޖެހޭނެ ކަމަށް ނަރީޝްވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް މިވާހަކަތައް ދޮގުކުރަމުން ރައީސް އޮފީހުން ބުނެފައިވަނީ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލްގެ އެއްވެސް ކައުންސިލަރެއްގެ ޝައުގުވެރިކަން ނެތް ކަމަށާއި ކޮންފަރެންސްގައި ބައިވެރިނުވާނެކަން އެކައުންސިލުން ރައީސް އޮފީހަށް އަންގާފައިވާ ކަމަށެވެ.
މިކަމާއި ބެހޭގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ވިއަވަތި ކޮންފަރެންސްގެ ދައުވަތު މާލެ ސިޓީ ކައުންސިލަށް ފޮނުވީ މިމަހު 21 ވަނަ ދުވަހު ކަމަށާއި އެކައުންސިލުން ހަދަނީ ދޮގު ކަމަށެވެ.
މަބްރޫކު ވިދާޅުވީ ނަރީޝްގެ ވާހަކަތަކަކީ ދެކޮޅުޖެހޭ ވާހަކަތަކެއް ނޫންކަމަށާއި ވިއަވަތި ކޮންފަރެންސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ނެތްކަން ބަޔާންކޮށް މިމަހު 23 ވަނަ ދުވަހު ލިޔުމުން ރައީސް އޮފީހަށް ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށެވެ.

