މިސަރުކާރުން ނިންމާ ކޮންމެ ހުކުމެއް ޕީޕީއެމް ސަރުކާރެއްގައި ބަލާނެ ކަމުގައި ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައީސް ޔާމީންގެ މައްސަލައެއް ބެލުމަށް ފުލުހަށް ހުށަހެޅުމާއި ގުޅިގެންނެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ބަލައިދިނުމަށް އެދި އެމައްސަލަ މިދިޔަ ހަފްތާގައި ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި އެއްވެސް ފަރާތަކުން ފަނޑިޔާރަކަށް ބިރު ދައްކައި، އިންޒާރު ދިނުމަކީ ކޮމިޝަނުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަތަކެއް ކަމަށެވެ. އަދި މިބާވަތުގެ އެހެން މައްސަލަތަކުގައިވެސް ޖޭއެސްސީން އަމަލު ކުރަމުންދަނީ މިގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުޑިޝަލް ކޮމިޝަނުން ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގައި ޖިނާއީ މައްސަލައެއް ހިމެނޭނަމަ ތަހުޤީގުކޮށް ދެއްވުމަށާއި ފަނޑިޔާރު އަލީ ރަޝީދުގެ ސެކިއުރިޓީގެ ކަންކަމަށް ސަމާލުވެދެއްވުމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބަލަން ކޮންމެ ތަނަކަށް ފޮނުވި ނަމަވެސް މިސަރުކާރުން އިސްވެ ހުންނަވައިގެން ކުރަމުންދާ ޤާނޫނާއި ޚިލާފް ހުރިހާ ކަމެއް ޕީޕީއެމްއިން ވެރިކަމާއި ހަވާލުވުމަށްފަހު ބަލާނެކަމަށެވެ. އޭގެ ތެރޭގައި ގާނޫނާއި ޚިލާފް ހުކުމްތަކާއި، ވައްކަންތަކާއި، ހަމަޔާއި އިންސާފުން ބޭރުން ކުރާ ހަރާމް ހުކުމްތައް ޕީޕީއެމްގެ ވެރިކަމެއްގައި ބަލާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
ނިމިދިޔަ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ފަނޑިޔާރު އަލީ ރަޝީދު ސްޕްރީމް ކޯޓަށް އައް އައްޔަން ކުރެވުނު ގޮތާއި، އެމަނިކުފާނުގެ ގާބިލް ކަމާއި ގުޅޭގޮތުންވެސް ސުވާލު އުފައްދާފައެވެ. އަދި މިފަދަ ކަންކަން ރަނގަޅަށް ބެލުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ޖަލުގެ ޖާގަ އިތުރަށް ބޮޑު ކުރަންޖެހޭ ކަމަށާއި ދައުލަތުގެ ސަލާމަތީ ބާރުތަކުގައި ތިއްބެވި އިސް ބައެއް ބޭފުޅުންވެސް ޖަލުތަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރުވެސް ރައީސް ޔާމިން ވަނީ ދެއްވާފައެވެ.

