އިންޑިޔާގެ ބިހާރްގައި އުފަންވިތާ 40 ދުވަސްވީ ތުއްތު ފިރިހެން ކުއްޖެއްގެ ބަނޑުގައި އިތުރުކުއްޖެއް އޮތްކަމަށް އެޤައުމުގެ މީޑިޔާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އެކުއްޖާ ރަނގަޅަށް ހީސްނުލާތީ ބިހާރްގެ މޮތިހަރީގައި ހުންނަ ރަހްމާނިއާ މެޑިކަލް ސެންޓަރަށް ތުއްތު ކުއްޖާ ގެންދިޔުމުން އެކުއްޖާގެ ބަނޑު ކައިރި ފުއްޕާފައި ހުރުމުން ސީޓީ ސްކޭނެއް ހެދުމަށް، ޑރ ތަބްރޭޒް އަޒީޒް ވަނީ އަންގާފައެވެ.
ސްކޭން ކުރުމުން އެކުއްޖާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން އެނގުމުން ޑޮކްޓަރު ވަނީ ހައިރާންވެފައެވެ. މިސްކޭން ހެދި ޑޮކްޓަރާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ އެކުއްޖާގެ ސާޖަރީއެއް މިހާރު ހަދާފައިވާ ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅުކަމަށެވެ.
މިއީ ސިއްހީ ދާއިރާގެ ތާރީހަށް ބަލާ އިރު، މަދުން ނަމަވެސް ހިނގާ ކަމެކެވެ. ކޮންމެ 500000 ކޭހަކުން 1 އަށް މި ފަދަ ކަމެއް ދިމާވާ ކަމަށް މައުލޫމާތު ލިބެއެވެ.

