ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅުކަމަށްވާ ގ.ކެނެރީގޭ ފާރުގައި “އިންޑިއާ އައުޓު” ސްޕްރޭކޮށްފިއެވެ.
މައުލޫމާތު ލިބުނުގޮތުގައި މިއީ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގާދިޔަ ކަމެކެވެ.
އިދިކޮޅުން ހިންގަމުންދާ އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެކަން ހުއްޓުވުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ ގޮވާލާފައެވެ. އެހެންކަމުން ފުލުހުން ދަނީ އިދިކޮޅުން ދަމާ އިންޑިޔާ އައުޓް ބެނާތައް ނައްޓަމުންނެވެ.
ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ދެމި “އިންޑިއާ އައުޓް” ބެނާ ކްރިމިނަލް ކޯޓުގެ އަމުރާއެކު ފުލުހުން ނެގުމުގައި މަލުކުރި ގޮތް ގޯސް ކަމަށާއި، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ގޯސް ކަމަށް ހައިކޯޓުން މިވަނީ ނިންމާފައެވެ.
ހައިކޯޓުގެ މިހުކުމާމެދު ރައީސް ނަޝީދު ވިދާޅުވީ ފުލުހުން އިންޑިއާ އައުޓް ބެނާތައް ނަގަން ކްރިމިނަލް ކޯޓުގެ އަމުރަކަށް އެދުނީ ހަކަމެއް ފާހަގަ ކޮށްފައި ކަމަށާއި ނަމަވެސް ހައިކޯޓުން މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ އެންމެ ކަމެއް ފާހަގަ ކޮށްފައި ކަމަށެވެ. އެއީ ބެނާ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފުލުހުން ބުނި ނުކުތާ އެކަނި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް މާނަކުރާއިރު ގާނޫނު ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ނިޔަތް ހައިކޯޓުން ގާނޫނު މާނަކުރުމުގައި ރަމްޒުވެފައި ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އާއިލީ ގެކޮޅުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅުގަޔާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެކޮޅުގައިވެސް ވަނީ އިންޑިއާ އައުޓް ސްޕްރޭކޮށްފައެވެ.

