ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބުނު ގޮތުގައި ހައިކޯޓުގެ ފަނޑިޔާރު އިސްތިއުފާ ދީފައި މިވަނީ މިއަދުގެ ވަގުތެއްގައެވެ. ޖޭއެސްސީން ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެން ފަނޑިޔާރު ރައޫފް މަގާމުން ވަކި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް މިވަނީ އިސްތިއުފާ ދެއްވާފައެވެ.
ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް ހައިކޯޓުގެ ފަނޑިޔާރު ރައޫފް އާއި ފަނޑިޔާރު ހަމީދު ނެންގެވީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށްކަމަށް ތުހުމަތުކޮށް ޖޭއެސްސީން ވަނީ މިމައްސަލަ ބަލާފައެވެ. އެހެންނަމަވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ނިންމާ އަލުން އެ ކޮމިޝަނަށް މައްސަލަ ފޮނުވާލާފައެވެ.
ފަނޑިޔާރު ރައޫފްވަނީ ވޭތުވެދިޔޔަ 11 އަހަރު ވަންދެން ފަނޑިޔާރުކަމުގެ މަޤާމު އަދާކޮށްފައެވެ. އެހެންކަމުން ހައިކޯޓުން ވަނީ ރައޫފްގެ އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ރައޫފްއަށް ޝުކުރު އަދާކޮށްފައެވެ.
އަބްދުއްރައޫފު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާޗް 26 ވަނަ ދުވަހުއެވެ.

