ޏ.ފުވައްމުލަކު ސިޓީގެ ޗަސްބިމެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފުން ހާމަކުރިގޮތުގައި ފުވައްމުލަކު ސިޓީގެ ޗަސް ބިމެއްގައި އަލިފާނުގައި ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފައިވާ ކަަމަށެވެ.
މިހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 18:20 ގައި ފުވައްމުލަކު ހޯދަޑު އަވަށާ ދިމާލުން އޮންނަ ޗަސްބިމެއްގައެވެ.
މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް ސިފައިން އަދިހާމައެއް ނުކުރެއެވެ.
ފުވައްމުލަކު ޗަސްބިންތަކުގައި އަލިފާން ރޯވުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. ކޮންމެ އަހަރަކުހެން އެތައްފަހަރާ މިގޮތަށް އަނދަމުންދާތީ މިކަމަށް ތައްޔާރުވުމަށް އިމަޖެންސީ ރެސްޕޯންސް ޕްލޭނެއް ހެދުމަށް ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި އެ ހިސާބުގައި އަލިފާން ނިއްވާ ވަސީލަތްތައް ގާއިމުކުރުން މުހިންމުކަމަށް ހާމަކުރެއެވެ.
ގިނަ ފަހަރަށް މިފަދަ އަލިފާންގަޑު ރޯކުރަނީ މަޖަލަކަށް ހަދައިގެން ޒުވާން ފުރައިގެ ކުދިންނެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިގޮތުން ރޯކުރާ އަލިފާން ފެތުރި ބައެއްފަހަރު ކޮންޓްރޯލް ނުކުރެވި ގޮސް މީހުން ދިރިއުޅޭ ގެތަކަށް ވެސް ގެއްލުން ލިބިފައި އެބަހުއްޓެވެ.
މީއީ ހޭލުންތެރިވެ، މިކަމުގައި ނުރައްކަލާއި މެދު ވިސްނައި ހުއްޓާލަން ޖެހިފައިވާ ނޭދެވެ އަމަލެކަމަށް ބުނެ ފުވައްމުލަކުގެ ގިނ ަބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި ވެސް މިކަމާއި ދެކޮޅަށް ޝުޢޫރު ފާޅުކުރަމުންނެވެ.

