ވ.އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާލެ ޝަރީޢަތް ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން މި ގޮތަށް ނިންމީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރާ ދައުވާތަކުގެ ޝަރީއަތް ލައިވްކުރަން ޔާމީން ފަރާތްޕުޅުން އެދިވަޑައިގެންނެވިތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ މައްސަލަތަކުގެ އަޑުއެހުންތައް އެ ކޯޓުގެ ޔޫޓިއުބް މެދުވެރިކޮށް މާދަމާ އިން ފެށިގެން ލައިވްކޮށް ދައްކާނެ ކަމަށެވެ. އެގޮތުން މާދަމާގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މެންދުރު ފަހު 1:00 އަށެވެ.
އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާއަށް ވަނީ ކްރިމިނަލް ކޯޓުގައި ތައާވަލުކޮށްފައެވެ.
ރައީސް ޔާމީންގެ ޝަރީއަތް ލައިވްކުރަން ނިންމި އިރު، ގއ. ވޮޑަމުލާ ކުއްޔަށް ދިނުމާ ގުޅިގެން ޔާމީނަށް ކުރި ދައުވާގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުން ވަނީ ލައިވްކޮށްފައެވެ.

