ވަކި އަދަދަކަށް މެމްބަރުން ހަމަނުވާ ޕާޓީތައް މިމަހު 14 ވަނަ ދުވަހުން ފެށިގެން އުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.
އީސީން ހާމަކުރިގޮތުގައި 3000 މީހުން ހަމަނުވާ ހުރިހާ ޕާޓީއެއް މިމަހު 14 ވަނަ ދުވަހު އުވާލެވޭނެ ކަމަށާއި ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމަށެވެ.
އެގޮތުން ޕާޓީތަކުގެ މެމްބަރުން އެހެން ޕާޓީއަކަށް ސޮއިކޮށް ޕާޓީ ބަދަލުކުރުމުން 4 ޕާޓީއެއްގައި މިވަގުތު 3000 މެމްބަރުން ހަމަނުވެގެން އެކޮމިޝަނުން ވަނީ ޕާޓީ އުވާލާނެކަމުގެ ނޯޓިސް ދީފައެވެ. އަދި މިމަހު 14ގެ ކުރިން އެޕާޓީތަކަށް އެއަދަދަށް މެމްބަރުން ހަމަކުރަން ވަނީ އަންގާފައެވެ.
މެމްބަރުން ހަމަނުވެގެން އުވާލާނެކަމުގެ ނޯޓިސް ފޮނުވާފައިވަނީ ޑީއާރުޕީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.
3،000 މެންބަރުން ހަމަވުމުން ސިޔާސީ ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީ ކުރެވުނު ނަމަވެސް، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ.

