ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމް ސޯޔަރ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ބެންކުގެ މުވައްޒަފުންނަށް ޓިމް ސޯޔަރ ފޮނުއްވި ލިޔުުމެއްގައި ބުނެފައިވަނީ އޭނާގެ ކޮންޓްރެކްޓް އާ ނުކުރުމަށް ބޯޑާ މަޝްވަރާކޮށްފައިވާނެ ކަމަށާއި ދެން ބޭންކުގައި ހިދުމަތްކުރާނީ މަހެއް ނުވަތަ ދެ މަހެއްހާ ދުވަހު ކަމަށެވެ.
މިލިޔުމުގައި ޓިމް ސޯޔަރ އިތުރަށް ބުނެފައިވަނީ ވޭތުވެދިޔަ މުއްދަތުގައި ބެންކުގެ މުވައްޒަފުންނާއެކީ ހޭދަކޮށްފައިވަނީ ވަރަށްވެސް އުފާވެރި ދުވަސްތަކެއް ކަމަށާއި މުވައްޒަފުންނާއި ބޭންކު ހޯދި ކާމިޔާބީ އަށް އޭނާ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
ޓިމްގެ ލިޔުމުގައި ވިދާޅުވެފައިވާ ގޮތުގައި މި ވޭތުވެދިޔަ އަހަރުތަކަކީ ބޭންކަށް ވަރަށް ދަތި އުނދަގޫ އަހަރުތަކެކެވެ. ވަކިން ހާއްސަކޮށް ކޯވިޑްއާ އެކު ދިމާވީ ބޮޑު ގޮންޖެހުންތަކެއްކަން ފާހަގަކޮށް އެ ދަތިތަކުން އަރައިގަނެ މިއަދު ބޭންކު މިއޮތީ ކުރިމަގުގައި ވެސް ކާމިޔާބު ހޯދޭނެ ވަރަށް، ރަނގަޅު ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ.
ބީއެމްއެލް އިން މިދިޔަ އަހަރު ބޭންކުން ވަނީ 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދައިފައެވެ.

