އިންޑިއާގެ ވެރިރަކަން ކުރާ ބީޖޭޕީގެ މެމްބަރަކު ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَއަށް ފުރައްސާރަ ކުރި މައްސަލައިގަ އިންޑިއާގެ މުސްލިމުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ބީޖޭޕީގެ ޤައުމީ ތަރުޖަމާނު ނޫޕޫރް ޝަރްމާ މީގެ ހަފްތާއެއް ކުރިން މުމްބާއީގައި ޓިވީ ޝޯއެއްގައި ބުނެފައިވަނީ މުސްލިމުން، ހިންދޫން އަޅުކަންކުރާ ކަލާނގެ ތަކަކީ ހަރު ހިލަތަކެއް ކަމަށް ބުނެ ޖޯކު ޖަހަމުންދާ ކަމަށެވެ. ހަމައެގޮތަށް މުސްލިމުންގެ ރަސޫލާގެ ހަދީސްތަކަކީ ހަގީގަތެއް ނޫން ކަމަށާއި ޤުރުއާނުގައި ވަނީ ދޮގު ކަމަށް އޭނާ ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި ނުޕޫރު ވަނީ އެ ޝޯގައި ކީރިތި ރަސޫލާއި ގުޅޭގޮތުން އިތުރު ދޮގު ވާހަކަތަކެއް ދައްކާފައެވެ. އެހެންކަމުން އޭނައާއި ދެކޮޅަށް ދެކުނު މުމްބާއީގެ ހޮޓެލް ވިޔަފާރީގައި އުޅޭ އިރުފާން އަބޫބަކުރު ޝެއިހް ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.
އިންޑިޔާގެ ފުލުހުން މިމައްސަލަ ބަލައިގެންފައިވަނީ ނަފުރަތު އުފެއްދުމާއި ދީންތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މިއީ ވަރަށް ސީރިޔަސް މައްސަލައެއް ގޮތަށެވެ.
އެހެންނަމަވެސް ހަފްތާއެއް ވެގެން ދިޔައިރުވެސް ނުޕޫރުއާ ދެކޮޅަށް ފުލުހުން ފިޔަވަޅު އަޅާފައިނުވާތީ އިންޑިޔާގެ މުސްލިމުން ދަނީ އެކަމާ ނުރުހުން ފާޅުކޮށް އިންޑިޔާގެ މަސްރަހު ހޫނުކުރަމުންނެވެ.
އެގޮތުން އުއްތަރް ޕްރަދޭޝްގެ ކާންޕޫރުގައި އިއްޔެ ހުކުރު ނަމާދަށް ފަހު ހިންދޫންގެ ފިހާރަތެއް ބަންދު ކުރުމަށް ގޮވާލާ މުސްލިމުން ވަނީ މުޒާހަރާކޮށްފައެވެ.
ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ އެ މުޒާހަރާގައި 18 މީހަކު ހައްޔަރުކޮށް ތިން މީހެއްގެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.
މީގެ ކުރިންވެސް ނޫޕޫރު އިސްލާމދީނަށް ފުރައްސާރަކޮށް މުސްލިމުންނަށް މަލާމާތްކޮށްފައިވީ ނަމަވެސް ބީޖޭޕީ ސަރުކާރުން އޭނައާ މެދު އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާކަން ރިޕޯޓްތަކުގައި ބުނެއެވެ.

