ގއ.ވިލިނގިލީގައި ގެއަކަށްވަދެ އެގޭގައި ތިބި 4 އަންހެނުންނަށް އަނިޔާކޮށް އެކެއްގެ އިނގިލީގައި ދަތްއަޅާ އިނގިލި ބުރިކޮށްލި 35 އަހަރުގެ މީހާ ކޯޓުން ދޫކޮށްލައިފިއެވެ.
މިދިޔަމަހު 4 ވަނަ ދުވަހު އޭނާ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލައިގެން 150 ދުވަހަށް ވަނި ޖަލު ހުކުމެއް ކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ޝަރީއަތް ރިވިއު ކުރަން އެދުމުން މިމަހު 2 ވަނަ ދުވަހު ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށާއި އޭނާ ދޫކޮށްލަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އޭނަގެ ކުރީގެ އަނބިމީހާގެ ގެޔަށް ވަދެ މާރާމާރީ ހިންގާ އަންހެނެއްގެ އިނގިލީގައި ދަތްއަޅައި އިނގިލި ވަނީ އެއް ސެންޓި މީޓަރު ވަރުގެ ތަނެއް ކަނޑާލާފައެވެ. އުމުރުން ދުވަސްވީ އަންހެނެއްގެ އަތުގެ އިނގިލި ބިންދާލާފައިވާއިރު، އިތުރު އަންހެނެއްގެ ފަޔާއި އަތުގައި ދަތް އަޅައި އަނިޔާދީފައިވާ ކަމަށް ވިލިނގިލީ ކޯޓުން ކޮށްފައިވާ ޢަމުރުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން އޭނާ ވަނީ ކޯޓުގެ ހުރުމަތް ކަނޑާލާފައެވެ. ޤާޞީ ވަޑައިގަތުމުން ކޯޓުގައި ޢަމަލުކުރާ އުސޫލަކީ ކޮޅަށް ތެދުވުންކަމަށްވާއިރު އޭނާ އެކަން ނުކޮށް ވަނީ އެއީ ކުފުރުގެ ޢަމަލެއްކަމަށް ބުނެފައެވެ.
އެހެންނަމަވެސް 150 ދުވަހުގެ ޖަލުހުުކުމެއް ކުރިނަމަވެސް ކޯޓުން މިވަނީ އޭނާ ދޫކޮށްލާފައެވެ.

