ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ބޭސްތައް އަނދާ ހުލިވެއްޖެއެވެ.
ޕާކިސްތާންގެ ލާހޫރްގެ ގުލްބާގްގައި ހުންނަ ދަ ޗިލްޑްރެން ހޮސްޕިޓަލްގައި އިއްޔެ އަލިފާން ރޯވެފައި ވަނީ އެ ހޮސްޕިޓަލްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ފާމަސީ ސްޓޯރޭޖްގައެވެ. ހޮސްޕިޓަލުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ބޭސްތައް އަނދާ ހުލިވެފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ހޮސްޕިޓަލުގައި އަލިފާން ރޯވުމުން ރެސްކިއު އޮޕަރޭޝަންގެ ތެރެއިން ހޮސްޕިޓަލުން އެންމެން ވަނީ ނެރެފައެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވެއެވެ.
ފަޔާ ޑިޕާޓްމެންޓާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ އެ ސަރަހައްދުގައި ހަތް ފަޔާ އިންޖީންސް ގެނެސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއިރު، އެ ސިޓީގެ އިތުރު ސަރަހައްދުތަކުންވެސް ވެހިކަލްތައް ގެނެސް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ހާލަތުގެ ގޮތުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ 40 ފަޔާ ފައިޓަރުންނާއި، މީހުން ސަލާމަތް ކުރުމަށް 1122 މީހަކު ހަރަކާތްތެރިވެފައި ވެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވެއެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

