ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ނުކޮށް، ބޮންޑު ވިއްކާ ނަމަ އޭގެ ތަކްލީފާ ފަހުން ކުރިމަތިވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރާ ހަވާލުވި ފަހުން 2.4 ބިލިއަން ޑޮލަރު (37 ބިލިއަން ރުފިޔާ) ގެ ދަރަނި ވަނީ ނަގާފައެވެ. އެގޮތުން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ނެގި ލޯނުތަކާއި މި އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނެގި ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި މިވަނީ 99 ބިލިއަން ރުފިޔާ އަށް އަރައިފައެވެ.
ދައުލަތުގެ ދަރަނި ބޮޑުވެފައި ވަނިކޮށް، އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާ ވާވަރަށް ދަށްވެދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެފް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ނަޝީދު ވިދާޅުވެފައިވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ 2019 އާއި 2020 ގައި ދެއްކެވީ އެކަން ނުކޮށް، ބޮންޑު ވިއްކާ ނަމަ އޭގެ ތަކްލީފާ ފަހުން ކުރިމަތިވާނޭކަން އެނގިވަޑައިގެން ހުންނަވާ ކަމަށާއި މިއަހަރާއި އަންނަ އަހަރު، ދަތިވެ ދަރަނި އަދާކުރަން އުނދަގޫވާނެ ކަން އޭރުވެސް ފާހަގަ ކުރެއްވި ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ކަންކަން ހިނގަމުންދާ ގޮތް މަޖިލިސް މެމްބަރުންނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށް ފައިސާ ހޯދާނެ ގޮތްވެސް މާލިއްޔަތު ކޮމިޓީން ސާފުކުރަން ޖެހޭނެ ކަމަށެވެ. އަދި އަންނަ މަހުގައި ދައުލަތުގެ ރިޒާވް ނުރައްކާވާ ވަރަށް ދަށްވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ކަމަށްވާ ޖޭޕީމޯގަން އިން ބުނެފައިވާ ގޮތުން އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ބޭރު ފައިސާ ރިޒާވް ހުސްވެ ދަރަނި ނުދެއްކޭ ހިސާބަށް ދިޔުމުގެ ފުރުސަތު އެބައޮތްކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ދައުލަތުގެ ދަރަނި ދެއްކުމުގެ ޤާބިލްކަން އަދިވެސް އެބަހުރި ކަމަށާއި ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ.
މިއަހަރުގެ ދަރަނި 103 ބިލިޔަނަށް އަރާނެކަމަށް އެމްއެމްއޭއިންވަނީ ލަފާކޮށްފައެވެ. 2021 ވަނަ އަހަރު ނިމުނު އިރު ރިޒާވްގައި ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވީނަމަވެސް ރާއްޖޭގެ ރަސްމީ ރިޒާވްގައި މިހާރު ހުރީ 800 މިލިއަން ޑޮލަރެވެ.

