މަތިންދާބޯޓެއްގެ ފިޔަގަނޑުމަތީގައި ފޮޓޯގްރާފަރަކު ހިނގާލާފައިދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އެތައް ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަ ގޮތުގައި އިންޑޮނޭޝިއާގެ ބާލީގެ ފޮޓޯގްރާފަރެއް ކަމަށްވާ ކޮމިން ދަރުމަވާން ނަމަކަށްކިޔާ މީހަކު އެއްވެސް ބިރެއް ނެތި މަތިންދާ ބޯޓެއްގެ ފިޔަގަނޑު މަތީގައި ހިނގާލާފައިދާ މަންޒަރަކީ ނޭވާ ހިފަހައްޓާލަން ޖެހޭ ނުރައްކާތެރި މަންޒަރެކެވެ. މިމަތިންދާ ބޯޓު ދަތުރުކުރަމުން ދިޔައީ ބާލީގެ އުސް ފަރުބަދަތަކާއި ވާދީތަކާއި ފެހި ޖަންގަލި ތަކުގެ މަތިންނެވެ.
އިންސްޓަގްރާމްގެ “އާތުޕިކްސް” ނަމަކަށް ކިޔާ ޕޭޖެއްގައި އާއްމުކޮށްފައިވާ މިވީޑިޔޯ ވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ. އިންޑޮނީޝިއާގެ ބާލީގެ ފަރުބަދައެއްގެ އެންމެ އުހުގައި އޮތް މި މަތިންދާބޯޓުގެ ފިޔަގަނޑު މަތީގައި މީހަކު ހިނގާލާ މަންޒަރަށް އެތައް ބައެއްގެ ތަރުހީބާއި ތައުރީފް މިވަނީ ލިބިފައެވެ. އެތައް ބަޔަކު ދަނީ މިވީޑިޔޯއަށް ކޮމެންޓު ކުރަމުންނެވެ.
މީވީޑިޔޯ އާއްމުކުރަމުން ކެޕްޝަނުގައި ލިޔެފައިވަނީ މި މަތިންދާ ބޯޓަކީ ފަރުބަދައެއްގެ މަތީގައި ފަތުރުވެރިން ޝައުގުވެރިކުރުވުމަށް ގާއިމުކޮށްފައިވާ އަދި މިހާރު ބޭނުން ނުކުރާ މަތިންދާ ބޯޓެއް ކަމަށެވެ.
ބާލީގެ ގޮނޑުދޮށް ފެންނަ ސަރަހައްދެއްގައި ޓޫރިސްޓުންނަށް އުޅެވޭ ގޮތަށް ތަރައްގީކުރާ ބޯއިންގ މަރުކާގެ މި މަތިންދާ ބޯޓަކީ ބާލީގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމުގައި ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ކޮވިޑް ޕެންޑަމިކާއި ގުޅިގެން ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އިންޑޮނޭޝިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

