ސ. ފޭދޫގައި ހިނގާދިޔަ މާރާމާރީއަކާއި ގުޅިގެން ޒުވާނަކު މަރުވި މައްސަލައިގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހަފްތާ ބުދަ ދުވަހު ދަންވަރު އައްޑޫ ސިޓީ ފޭދޫގައި ހިނގާދިޔަ ގްރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި އުމުރުން 21 އަހަރުގެ ޒުވާނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.
ސ.ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާގެ ބުރަކައްޓަށް އެތައް ފަހަރަކު ތޫނު އެއްޗަކުން ހަމަލާދީފައިވާތީ އެޒުވާނާއަށް ފަރުވާ ދެމުން ދިޔައިރުވެސް އޮތީ ސީރިޔަސް ހާލެއްގައެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޒަޔާން މަރުގެ ތުހުމަތުގައި އުމުރުން 16 އަހަރުގެ ކުއްޖަކާއި ރަށުގެ ތެރޭގެ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހަކު ވަނީ ފޭދޫއިން ހައްޔަރުކޮށްފައެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
މިއީ އައްޑޫ ސިޓީ ފޭދޫގެ ދެގޭންގުގެ ދެމެދު ހިނގާދިޔަ ސިލްސިލާ މާރާމާރީތަކެއް ކަމުގައި ބައެއް މީޑިޔާތަކުން ދަނީ ހާމަކުރަމުންނެވެ. އެގޮތުން މި ހަފްތާ ތެރޭގައި ވެސް އެ ދެ ގޭންގުން މާރާމާރީއެއް ހިންގާފައިވާ ކަމަށާއި އެ މާރާމާރީގައި 19 އަހަރުގެ މީހެއްގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖެހުމުން ސިކުނޑިއަށް ލޭ އެޅި ހާލު ސީރިޔަސްވުމުން އެމީހާ މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

