މޯލްޑިވްސް އިސްލާމިކް ބެންކުގެ ސްލްފް ސަރވިސް ބޭންކިން ޚިދުމަތް ގދ. މަޑަވެލި އަދި ގދ.ހޯޑެއްދޫއަށް ދިނުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މަޑަވެލި ހޯޑެއްދޫގެ މަސްވެރިންގެ އެދުމުގެ މަތިން އެމްއައިބީން ދަނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް އެދެރަށަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރު މާރޗްމަހު “އުޖާލާ މަސްވެރިޔާ” ގެ ނަމުގައި މަސްވެރިންނަށް ފެސިލިޓީ ތައާރަފްކުރުމަށް އެމްއައިބީގެ ޓީމެއް އެރަށަށް ދަތުރުކޮށް މަސްވެރިންނާއި ބައްދަލުކުރުމުން މި ދެރަށުގެ މަސްވެރިންވެސް ވަނީ އެރަށްރަށުގައި އެމްއައިބީގެ އޭޓީއެމެއް ބެހެއްޓުމަށް އެދިފައެވެ.
މަޑަވެލި ހޯޑެއްދޫއަކީ އެއްވެސް ބޭންކެއްގެ ޚިދުމަތް ނުލިބޭ ދެރަށަށް ވުމުން އިސްލާމިކް ބެންކުން މިވަނީ އެދެރަށަށް ސެލްފްސާވިސް ބޭންކިން ހިދުމަތްދިނުމަށް އެއްބަސްވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ މިއީ ރައްޔިތުން އެދިއެދި ތިބި ހިދުމަތެއްކަމަށާއި މި ކަމަށްޓަކައި އެމްއައިބީއަށް ޝުކުރު ދަންނަވާކަމަށެވެ.
ފައިސާ ޖަމާކުރުމަށާއި ފައިސާ ނެގުމަށް ދެރަށުގެ ރައްޔިތުން އުފުލަމުން އަންނަ ތަކުލީފަށް ނިމުމެއް އަންނާތީ ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ރަށުގައި ތިބެ ފައިސާ ޖަމާކޮށް ނެގުމުގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާތީއެވެ.
އިއްޔެ ސޮއި ކުރެވުނުން އެއްބަސްވުމާއި އެކު ވީހާވެސް އަވަހަށް އޭޓީއެމްގެ ޚިދުމަށް ލިބިގެންދާނެ ކަމަށް މަޑަވެލި-ހޯޑެއްދޫ މަސްވެރިން އުއްމީދު ކުރެއެވެ.
މީގެ ކުރިން އެމްއައިބީގެ ސެލްފު ސަރވިސް އޭޓީއެމެއް ހުވަދު އަތޮޅުގެ އެއްވެސް ރަށެއްގައި ޤާއިމުކުރެވިފައިނުވެއެވެ. އަދި އިއްޔެ ތިނަދޫގައި ރަސްމީކޮށް ހުޅުވިގެންދިޔަ އެމްއައިބީގެ ސެލްފް ސަރވިސް އޭޓީއެމަކީ ހުވަދު އަތޮޅުގައި ޤާއިމުކުރެވުނު ފުރަތަމަ އޭޓީއެމެވެ.
އެމްއައިބީން ހާމަކުރި ގޮތުގައި ތިނަދޫގައި ޤާއިމުކުރެވުނު މިއޭޓީއެމުން ކޭޝްކާޑު ނެތަސް ފައިސާ ޖަމާކުރުމުގެ ހިދުމަތުގެ އިތުރުން ޗެކުން އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ.
މީގެއިތުރުން އަމިއްލަ ފަރުދުންނަށް މިއޭޓީއެމް މެދުވެރިކޮށް ދުވާލަކަށް 2 ލައްކަ ރުފިޔާ އެކައުންޓަށް ޖަމާކުރެވޭއިރު ވިޔަފާރިވެރިންނަށް ދުވާލަކަށް 5 ލައްކަ ޖަމާކުރެވޭނެ ކަމަށް އެމްއައިބީން ވަނީ ހާމަކޮށްފައެވެ.

