މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މިސަރުކާރުން ޢަމަލު ކުރާނީ ފައިތުވެދިޔަ ބައި ގަރުނުގެ ތެރޭގައި އަމަލުކުރަމުންދިޔަ އުސޫލުން ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިމްރާން ވަނީ ހާޒިރުކޮށްފައެވެ. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤު ސުވާލުކުރެއްވުމުން އިމްރާން ވިދާޅުވީ މިސަރުކާރުން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމުގައި މިސަރުކާރުން ގެންގުޅެނީ މީގެ ބައިގަރުނު ކުރިން ސަރުކާރުން ޢަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުމަށް ކަމަށެވެ. ނިމިދިޔަ ސަރުކާރުތަކުންވެސް މަރުގެ ހުކުމް ތަންފީޒު ނުކުރާކަން އިމްރާން ވަނީ ފާހަނގަކޮށްފައެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހުރިހާ މަރުހަލާތައް ނިމި ހުކުމް ތަންފީޒު ކުރާ ހިސާބުގައި 3 މީހަކު މިހާރުވެސް އެބައުޅެއެވެ. ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1954 ވަނަ އަހަރުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައިވެސް އެކި ފޯރަމްތަކުގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނަމުންދިޔަ ނަމަވެސް ދައުރު ނިމިގެން ދިޔައިރުވެސް ހުކުމް ތަންފީޒުކޮށްފައިނުވެއެވެ.

