މުޅި ރާއްޖޭގައި މިހާރު ފެތުރެމުންދަނީ ޑެންގީގެ ވަރަށް ނުރައްކާތެރި ވައްތަރެއް ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޓީވީއެމް އިން މިއަދު ގެނެސް ދިން “ހެނދުނު ހެނދުނާ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މިދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކު ޑެންގީ ފެތުރެމުންދާ ކަމަށާއި އަދި ރާއްޖޭގައި އުޅެނީ ޑެންގީގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށެވެ. އަދި މިބަލި ޖެހިގެން ހާލު ސީރިޔަސްވާ ކުދިންގެ ނިސްބަތް ބޮޑަށް އިތުރުވާ ކަމަށާއި ދާދި ފަހުންވެސް ޑެންގީއަށް ފަރުވާ ދެމުންދިޔަ އެއް އަހަރުން ދަށުގެ ކުއްޖަކު ނިޔާވެފައިވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް އިތުރަށް ވިދާޅުވީ މި އަހަރުގެ މިހާތަނަށް ޑެންގީ ހުން 311 މީހެއްގެ ގައިން ފެނިފައިވާއިރު އޭގެތެރެއިން %80 މީހުންނަކީ މާލެ ސަރަހައްދުގެ މީހުން ކަމަށެވެ. އަދި ބާކީ %20 މީހުންނަކީ އަތޮޅުތެރޭގެ ރަށްތަކުން ޑެންގީ ހުން ޖެހުނު މީހުންނެވެ.
ޑެންގީގެ އަލާމާތްތަކަށް ބަލާލާއިރު ހުން އައުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. އެފަދަ ކަމެއް ދިމާވެއްޖެ ނަމަ، ގިނަ އިން ދިޔާ އެއްޗެހި ދިނުމަށްފަހު އަރާމުކުރުމަށް ފައިސަލް އިރުޝާދު ދެއްވިއެވެ. އަދި އެ ފަދަ ހާލަތެއްގައި އެންމެ ރަނގަޅު ބޭހަކީ ޕެރެސެޓޮމޯލް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

