މާލޭ ގެއަކުން ވައްކަން ކުރި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި މިދެމީހުންނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ، އަލިކިލެގެފާނުމަގުގައި ހުރި ގެއެއްގެ ކޮޓަރިއަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިސްގެ އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދާ ދެމީހުންނެވެ.
ފުލުހުންވަނީ އެދެމީހުންގެ ވީޑިޔޯއެއް އާންމުކޮށްފައެވެ.
ފުލުހުން އާންމުކުރި ވީޑީޔޯއިން ފެންނަ ގޮތުގައި މިދެމީހުން ފިލާތަކެއް ކަހަލަ އެއްޗެއް ހިފައިގެން އިމާރާތެއްގެ ތެރެއަށް ވަދެ އެތަކެތި ބެހެއްޓުމަށްފަހު އިމާރާތުން ނުކުންނަ ތަންވެސް ފެނެއެވެ.
މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފުލުހުން ވަނީ ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

