އިންޑިއާގެ ވެރިކަން ކުރާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ ތަރުޖަމާނަކާއި، އެޕާރޓީގެ ލީޑަރަކު، މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް ތައުހީނުކުރުމުގެ ޖަރީމާ ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރުން ކުށްވެރިކޮށް ގދ.އަތޮޅު ކައުންސިލުން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިޔާގެ ވެރިކަންކުރާ ބީ.ޖޭ.ޕީގެ ހައްދުފަހަނައަޅައިފައިވާ ޤައުމީ ސްޕޯކްސްޕާރސަން ނުފޫރު ޝަރުމާ ކީރިތި ރަސޫލާ މުޙައްމަދު ﷺއަށް އިހާނެތި ބަސްތައް ރައްދުކޮށް އެ މާތް ސާހިބާއަށް ފުރައްސާރަކުރިކުރުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ، މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި މާތް ﷲ ފޮނުއްވެވި މަތިވެރި ނަބިއްޔާ މުޙައްމަދު ﷺ ގެ ކައިވެނި ފުޅުތަކާއި ގުޅޭގޮތުން ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް ދޮގު ވާހަކަ ދައްކައި ތައުހީނުކޮށް ބަދުބަސްބުނުމަކީ އެއްވެސް މުސްލިމަކު ތަޙައްމަލު ކުރާނެ ކަމެއް ނޫންކަމަށާއި، މި ބަސްތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށް އެ ކައުންސިލުން ދެކޭކަމަށެވެ.
” ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވެފައި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އިސްލާމް ދީން ހިމާޔަތް ކުރުމަކީ ލާޒިމްކަމެކެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ފުރަތަމަ މަސްދަރަކީ އިސްލާމްދީންކަމަށް ވީހިނދު އިސްލާމި އުންމަތުގެ ދިފާޢުގައި ތެދުވާނެ އެތައް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަމުގައި ދަންނަވަމެވެ." – ގދ.އަތޮޅު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ބީޖޭޕީގެ އިސް ދެ އޮފިޝަލުން ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލަ ، ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ދަނީ ކުށްވެރިކުރަމުންނެވެ.

