ނިމިދިޔަ އެޕްރީލް މަހު 4.9 މިލިއަން ރުފިޔާ އާސަންދަ ސްކީމްގެ ދަށުން ހުވަދު އަތޮޅުން ޚިދުމަތް ހޯދާފައިވާ މީހުންނަށް ހޭދަކޮށްފިއެވެ.
އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އާންމު ކޮށްފައިވާ ޚަރަދު ތަފްސީލުން ފެންނަ ގޮތުގައި ހުވަދު އަތޮޅަށް ނިސްބަތްވާ ގދ އަދި ގއ އިން ވަނީ ޖުމްލަ 6529 މީހަކަށް އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރު ކޮށްދީފައެވެ. އަދި އެ ފަރާތްތަކަށް ހޭދަ ކޮށްފައިވާ ޖުމްލަ ދިވެހި ރުފިޔާގެ އަދަދަކީ 4.9 މިލިއަން ރުފިޔާއެވެ.
ޚަރަދު ތަފްސީލުން ދައްކާ ގޮތުގައި ގއ އަތޮޅުން ވަނީ 2757 މީހަކަށް ޚިދުމަތް ފޯރުކޮށްދީފައެވެ. އަދި އެ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ޚިދުމަތުގެ އަގު 2 މިލިއަން ދިވެހި ރުފިޔާ އަށް އަރައެވެ. އެއާއި އެކު، ގދ އަތޮޅުން 3772 މީހަކަށް ޚިދުމަތް ފޯރު ކޮށްދީފައިވާއިރު، 2.9 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައެވެ.
އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އާންމު ކޮށްފައިވާ ޚަރަދު ތަފްސީލުން ދައްކާ ގޮތުގައި އެންމެ ގިނަ ބަޔަކު އާސަންދަ ޚިދުމަތް ހޯދާފައިވަނީ އައްޑޫ ސިޓީ އިންނެވެ. އެ ސިޓީ އިން ޚިދުމަތް ހޯދާފައިވާ މީހުންގެ އަދަދަކީ 7501 އެވެ. އަދި އެ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ޚިދުމަތުގެ އަގު 12 މިލިއަން ދިވެހި ރުފިޔާ އަށް އަރައެވެ.

އޭޕްރީލް 2022 ގައި އާސަންދަ ސްކީމްގެ ދަށުން އަތޮޅުތަކުން ޚިދުމަތް ހޯދާފައިވާ މީހުންގެ ޢަދަދާއި ކުރެވިފައިވާ ޚަރަދު (ދިވެހި ރުފިޔާއިން)
އާސަންދަ ސްކީމްގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ބޭސްފިހާރަތަކަށްކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައެވެ. ސްކީމްގެ ޚަރަދުކުޑަކުރުމަށް، ސްކީމްގެ ތެރެއިން ދޫކުރެވޭ ބޭހުގެ އަގުތައް ރިވިއުކުރުމުގެ މަސައްކަތަކީ އާސަންދައިން އަބަދުވެސް ކުރަމުންދާ މަސައްކަތެއް ކަމަށް އެކުންފުނިން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން، އަގުގެ ފަރަގު ފާހަގަކުރެވޭ ބޭސްތައް އެތެރެކުރާ ފަރާތްތަކާއި އެކު އަގު ކުޑަކުރުމަށް އަބަދުވެސް މަޝްވަރާކުރެވެމުންދާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

