ވިލިމާލޭ ހޮސްޕިޓަލްގައި އަލުން ވެކްސިންދޭން ފަށައިފިއެވެ.
ދާދި ފަހުން ވަނީ ވިލިމާލޭ ހޮސްޕިޓަލުން ވެކްސިން ޖެހުމުގެ ޚިދުމަތް މެދުކަނޑާލައިފައެވެ. ވެކްސިން ދިނުން މެދުކަނޑާލީ އެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އަދި އެމައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.
އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ދިން މައްސަލަ ތަހުގީގުކޮށް އެފަދަ ކަމެއް ނުހިގާނެ ކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.
އަދި އެކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދާ އެއްގޮތަށް އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން މިއަދުން ފެށިގެން ވިލިމާލެ ހޮސްޕިޓަލްގައި އަލުން ވެކްސިން ދޭން ފަށާނެ ކަމަށް ބަޔާނުގައިވެއެވެ.
އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު އެމައްސަލައިގައި އިހުމާލުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

