މިދިޔަ މެއި މަހު މާލޭގައި 142 ކައިވެނި ކުރިއިރު ހަމަ އެ މަހު 110 ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މެއި މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 117 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ. އެގޮތަށް ބަލާއިރު، އެންމެ ގިނައިން އެކޯޓަށް ހުށަހަޅާފައިވަނީ ވެސް ވަރީގެ މައްސަލަ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. އެގޮތުން 148 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ފެމިލީ ކޯޓަށް ވަނީ ދަރިންނާ ގުޅޭ މައްސަލަތަކެއް ހުށަހަޅާފައެވެ. އެގޮތުން ދަރިންގެ ހަޟާނާ ގުޅޭ ގިނަ މައްސަލަތަކެއް މެއި މަހު ފެމެލީ ކޯޓަށް ހުށަހަޅާފައިވާއިރު، އެބާވަތުގެ 15 މައްސަލައެއް މަސް ފެށުނުއިރު ވެސް ކޯޓުގައި އޮތެވެ.
އަދި ދަރިން ނުދެއްކުމުގެ 16 މައްސަލައެއް މެއި މަސް ފެށުނު އިރު ކޯޓަށް ހުށަހަޅާފައިވާއިރު، ދަރިން ނުދެއްކުމާ ގުޅޭ ހަތް މައްސަލައެއް މިދިޔަ މަހު ވަނީ ނިންމާފައެވެ.
ފެމިލީ ކޯޓުގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި ނަސަބު ސާބިތު ކުރުމުގެ އެއް މައްސަލައެއް މެއި މަހު ފެށުނު އިރު ފެމެލީ ކޯޓަށް ވަނީ ހުށަހަޅާފައެވެ.

