އުމުރުން 4 އަހަރުގެ އައިޝާ އައިލިޝް އިސްމާއީލްއަކީ އުފަންވީއިރުވެސް އެހެން ކުދިންނާއި ތަފާތުކޮށް އުފެދިފައިވާ ކުއްޖެކެވެ. އުފަންވިއިރުވެސް އަގައިގައި ހުރި ލޯވަޅެއްގެ ސަބަބުން އެއްޗެއް ކާންދިނަސް އަދި ބޯންދިނަސް ކާތަކެތި ނޭވާ ހޮޅިޔަށް ދާގޮތްވެއެވެ. މިލޯވަޅުގެ ސަބަބުން އައިލިޝްއަށް ކާންދިނުމުގައި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. އުމުރުން 4 އަހަރު އަހަރުވީއިރުވެސް ހިނގާ ބިގާ ނޫޅެވެއެވެ. ވަރަށް ގިނަ ފަރުވާއެކު އެހެންމީހެއްގެ އެހީގައި ކޮޅަށް ހުރެވުނު ނަމަވެސް އެކަނި ނޫޅެވެއެވެ.
މިލޯވަޅު ބެއްދުމަށް އެތައް ސާޖަރީއެއް ވަނީ ހަދާފައެވެ. އައިލިޝްގެ މަންމަ ފާތިމަތު ފަޒުލީނާ މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި އައިލިޝްގެ އަގައިގައި ހުރި ލޯވަޅު ބެއްދުމަށް އިންޑިއާ އަމްރިތާ ހޮސްޕިޓަލުން 4 ފަހަރު އަދި މާލެއިން 2 ފަހަރު ވަނީ އޮޕަރޭޝަންކޮށްފައެވެ. އެހެންނަމަވެސް އެލޯވަޅު ބެއްދޭގޮތެއް ނުވިއެވެ.

އައިލިޝްގެ ފަރުވާއާއި ގުޅޭގޮތުން އައިޖީއެމްއެޗް އިން ދީފައިވާ ލިޔުން
ފަޒްލީނާ ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ނަމަވެސް ހިތްވަރު ދޫކޮށްނުލައެވެ. ދަރިފުޅުގެ ބޭސް ފަރުވާއަށް ކުރެވުނު ހުރިހާ ކަމެއް ކުރަމުންދެއެވެ. އެހެންކަމުން ފާއިތުވީ މެއި މަހުގައިވެސް އިންޑިޔާއަށް ދިޔައެވެ. މިދަތުރުގައި އިންޑިއާގެ "ރިޗަރޑްސަންސް ޑެންޓަލް އެންޑް ކްރެނިއޮފޭޝިއަލް ހޮސްޕިޓަލް" އަށް ދެއްކުމުން ޑޮކްޓަރުން ބުނަނީ އައިލިޝްގެ އަނގައިގެ ލޯވަޅު ބެއްދުމަށް ކުރާ އޮޕަރޭޝަނަށް އެކަނި 4 ލައްކަ އިންޑިއަން ރުޕީސް ބޭނުންވާނެ ކަމަށެވެ.
މިހޮސްޕިޓަލަކީ އާސަންދަ ނުލިބޭޭ ހޮސްޕިޓަލަކަށް ވުމުން ފަޒްލީނާ ގޮތް ހުސްވެ ފުރަތަމަ ފަހަރަށް އާންމުންގެ އެހީއަށް މިވަނީ އެދިފައެވެ.
އައިލިޝް އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:
އެކައުންޓް ނަންބަރު:
އައިޝާ އައިލިޝް އިސްމާއީލް: 7730000176797 (ބީއެމްއެލް)
ފާތިމަތު ފަޒުލީނާ: 90103100521481000 (އެމްއައިބީ)
ހުވަދޫ ނިއުސްގެ ދުއާއަކީ
ދުއާއަކީ މާތް ﷲ އައިލިޝްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.

