އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސޭހަފުޅުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިޙު ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން އެމަނިކުފާނު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފިނަމަ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ކަމަށެވެ.
އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ސޯލިހު ބަލިކުރަން ޕީޕީއެމްގެ އުއްމީދީ ކެންޑިޑޭޓު، ރައީސް ޔާމީނަށް ފަސޭހަފުޅުވާނެ ކަމަށާއި ސަބަބަކީ ސަރުކާރު ސްލޯވުމާއި ކޮރަޕްޝަން ގިނަވުމާއި އަދި މަރުތަކަށް އިންސާފު ލިބިފައި ނުވާތީ ކަމަށެވެ. އަދި މަތިބަރު ސަރުކާރެއް އޮތުމާއެކު ވެސް ހިދުމަތް ނުލިބުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ރައީސް ސޯލިހާއި ޚިލާފަށް ރައީސް ޔާމީނަކީ ތަރައްގީގެ ބްރޭންޑެއް ކަމަށެވެ.

