އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ލޯ އިން އިންތިޒާމްކޮށްގެން މިދިޔަ ރަމަޟާންމަހުގައި ބޭއްވި " އެވިޑް ރަމަޟާން ކުއިޒް 1443″ ގެ ނަމުގައި ބޭއްވި ކުއިޒް މުބާރާތް ކާމިޔާބުކުރި ފަރާތަށް ލިޔުން ޙަވާލުކޮށްފިއެވެ.
" އެވިޑް ރަމަޟާން ކުއިޒް 1443″ ކުރިއަށް ގެންގޮސްފައިވަނީ އެވިޑް ކޮލެޖްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނިމިގެންދިޔަ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ދީނީ ސުވާލެއް ހުށަހެޅުމުން އެސުވާލުގެ ރަނގަޅު ޖަވާބު ދިމާކޮށް އެ ދުވަހެއްގެ މެންދަމު ބާރަ ޖެހުމުގެ ކުރިން ޖަވާބު ފޮނުވާގޮތަށެވެ.

އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ކުއިޒްގެ ހުރިހާ ސުވާލުތުތަކަކަށް ރަނގަޅު ޖަވާބު ފޮނުއްވި 19 ބޭފުޅުންގެ މެދުގައި ގުރުއަތުލުންވަނީ އިއްޔެ ބާއްވާފައެވެ.
އަދި އެބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވި ޢުމުރާ ދަތުރު ކާމިޔާބުކުރެއްވީ ޅ. ހިންނަވަރު ، ދައުހަދާގޭ އަލްފާޟިލާ ޢައިޝަތު އަމާނީއެވެ.
އޭނާއަށް މަރުހަބާ ދަންނަވައި އެވިޑް ކޮލެޖުގެ ފަރާތުން ލިޔުން ޙަވާލުކޮށްދެއްވެވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދުއެވެ. މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ބައެއް މުވައްޒަފުން ބައިވެރިވެ ލެއްވެވިއެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ވަރަށް ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ.

