މިއަދު އަހަރެންނަކީ ތަސައްރަފް ފުރިފައިވާ ބޮޑު މީހަކީމެވެ. ނަމަވެސް މައިންބަފައިންގެ ކުރިމަތީގައި ދަރިން ކުޑަ ވާނޭބުނާތީ އަޑުއަހަމެވެ. ތެދެކެވެ. ތިޔަ މަންމަ ކުރިމަތީގައި އަހަރެންމީ ކުޑަ މީހަކީމެވެ. އަހަރެންނަށްޓަކައި މަސްތަކެއް ވަންދެން ބަނޑުގައި އުފުލައި ވޭންތަކެއް ތަހައްމަލުކޮށް، އެމީހެއްގެ ހަށިގަނޑު ކިރާއި ލެއި ޤުރުބާންކުރި މީހަކު ކަމުގައި ތިޔަ މާތް ކަމަނާ ނޫނީ ނުވެއެވެ. ޝަކުވާއެއް ނެތިއެވެ. ލޯތްބާއި އުފަލާއި އެކުގައެވެ.
މަންމާއެވެ. އަހަރެންނަށްޓަކައި މަންމަ ތިން ވޭނެއް ތަހައްމަލް ކުރިއެވެ. ބަނޑުގައި އުފުލި ވޭނާއި ވިހެއުމުގެ އެ ގަދަފަދަ ތަކްލީފާއި ބަލައި ބޮޑު ކުރުމުގެ ބުރައެވެ. ނަމަވެސް ދުވަހަކުވެސް ވަރުބަލިކަމެއް ނުދެކެމެވެ. ހަމަ އަޖައިބް ކުރަނިވި ކެތްތެރިކަމެކެވެ.
މި ވަޤުތީ ޢާލަމްގައި އެކި އެކި މީހުންނާއި ބައްދަލުވިއެވެ. ނަމަވެސް އެއިން އެއްވެސް މީހަކީ ދާއިމީ ބަޔަކަށް ނުވިއެވެ. އަހަރެންގެ ހިތާމަތަކާއި އުފާތަކުގައި ބައިވެރިވާނެ މީހަކު ނުވިއެވެ. ނަމަވެސް ތިޔަ މަންމަ މަންމަ ފިޔަވައެވެ. އަހަރެންގެ ހުރިހާ ވާހަކަތައް ކަނުލައި އަޑުއެހިއެވެ. ހިތްވަރު ދީ ދުނިޔޭގެ ޢާލަމާއިމެދު އެތައް ނަސޭހަތްތަކެއް ދިނެވެ.
އަހަރެންގެ ދެލޯފަދަ މާތް ކަމަނާއެވެ. ކިތަންމެ ދަތުރަކަށްވެސް ނިކުމެއްޖައީމެވެ. ނަމަވެސް އަހަރެން ވަކިވާ ކޮންމެ ވަކިވުމެއްގައި ތިޔަ މަންމަގެ ލޮލުން އެތައް ކަރުނަ ތަކެއް އައިތަން ދުށީމެވެ. މަންމަ ގެ ކޯތާފަންމަތި ތެމިގެންދަނީ ލަގޮނޑިއަށް ކެތްނުވާހިނދުއެވެ. އަހަރެން ގެއިން ނިކުންނަހިނދު އަހަންނަށް ވަދާޢު ކުރެއްވުމަށް ދޮރުމަތީގައި ހުރުމަށް އަބަދުވެސް ހަނދާން ހުރެއެވެ. ބަލިވާ ކޮންމެ ފަހަރަކު އަހަރެންނަށްޓަކައި މުޅި ރޭ ނިދި ޤުރުބާން ކުރެއެވެ. އަޅާލުމާއި އޯގާތެރިކަމުގެ އަތުން އެތައް ފަހަރަކު އަހަރެންނަށް ހޭހަން ކޮށްދިނެވެ.
މަންމާއެވެ! އަހަރެން ހިނިތުން ވެއްޖެނަމަ މަންމައަށްވެސް ހީލެއްވެއެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އެއީ ހަމަ މަންމައިންގެ ކިބައިގައި ލައްވަވާފައިވާ ފުރިހަމަ ޤުދުރަތްތެރިކަމުގެ މިސާލެވެ. ހަމަ އެ ބީދައިން އަހަރެންގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނިލައްވައިފިނަމަ މަންމައަށް ރޮވެއެވެ. ޤުދުރަތްތެރިކަމުގައި ކަން އޮތީ ހަމަ މިހެންނެވެ.
މަންމާއެވެ! އަހަރެންނަށް ކުށެއް ކުރެވޭ ހިނދު ހިތްތިރި އިންސާނަކު ތިޔަ ނޫނީ ނުދެކެވެ. ކުށެއް ކުރެވޭ ކޮންމެ ފަހަރަކު އަހަރެންނަށް މަޢާފް ކޮށްދެއެވެ. އަހަންނަށް މީހަކު މަދަހައާއި ސަނާ ކިޔައިފި ނަމަ މަންމަ ޤަބޫލު ކުރެއްވީހެވެ. އެއީ އަހަންނަށް ސަނާ ކިޔުމުގައި އެމީހަކު އަހަންނަކީ އިންސާނުންގެ އިމާމު ކަމަށް ހަދައި، އުޑުގައިވާ ހަނދުގެ މިސާލު ދިން ކަމުގައި ވިޔަސްމެއެވެ. އަދި އަހަންނާމެދު މީހަކު ގޯސް ވާހަކައެއް ދެއްކި ނަމަ މަންމައަށް އެވާހަކަ ޤަބޫލުކުރަން ދަތިކަމަކަށްވެއެވެ. އެހެނަސް މީހުންގެ ލޯތްބާއި ޤަދަރު ހޯދުމަށް ދަސްކޮށްދިނެވެ. ކުށެއްކުރެވޭހިނދު އެބަޔަކަށް މަޢާފް ކުރުމަށް ނަސޭހަތްތެރިވިއެވެ. އެފަދަ ހަބަރަކާއިގެން އައިސްފިކަމުގައި ވަނީނަމަ އެބަޔަކާއި ޖަދަލު ނުކޮށް އިހްތިރާމްކުރުމަށް ދަސްކޮށްދިނެވެ. ޢަދުލްވެރިކަމާއިއެކު އެހަބަރަކާއިމެދު އަހަރެންނަށް ހެޔޮގޮތުގައި ފިޔަވަޅު އަޅައެވެ.
އަހަރެންގެ ކަންކަމާމެދު އަބަދާއަބަދު މަޝްޣޫލުވެ އުޅުއްވާ ހަމައެކަނި އިންސާނަކީ ތިޔަ ލޮބުވެތި މަންމައެވެ. އޭ މަންމާއެވެ! އަހަންނަށްޓަކައި އަބަދުވެސް ހެޔޮ ދުޢާ ކުރުމުގައި ދެމި ހުންނާށެވެ! މަންމަގެ ދުޢާއަކީ އަހަންނަށްޓަކައި ދުނިޔެއާއި ދުނިޔޭގައިވާހާ މުދަލަކަށްވުރެ އަގުބޮޑު ހަދިޔާއެއް ކަމުގައި ނޫނީ ނުވާނެވެ. ތިޔަ ހިތުގައި ޖެހޭފަދަ އަދި ދެރަވާ ވަރުގެ ކަމެއް ކުރެވިފައިވާނަމަ އަހަންނަށް މާފުކޮށްދެއްވާށެވެ.އަދި ދެދުނިޔޭގައިވެސް މަންމަގެ ލޮލުގެ ފިނިކަން ކަމުގައި ވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި އަދި ސުވަރުގޭގައި އެކީފައި ވުމަށް ދުޢާ ކޮށްދެއްވާށެވެ.

