މިމަސް ނިމުމުގެ ކުރިން 3000 ގޯތި ދޫކުރަން އިއުލާން ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ހޯދައިދިނުމުގެ ގޮތުން ފުރަތަމަ ދޫކުރާ 3000 ގޯތި ދޫކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ބޭއްވެވި ވިއަވަތި ރާއްޖެ ކޮންފަރަންސް 2ގެ ކާމިޔާބީތަކަށް ވެސް އަލިއަޅުވާލެއްވިއެވެ. އުކުޅަހުގައި ބޭއްވި މި ކޮންފަރެންސް އަމާޒުކޮށްފައި ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަކި އަތޮޅެއް ވަކި ރަށެއް ތަފާތު ނުކޮށް ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމުގެ ހިތްހަމަޖެހުން މި ކޮންފަރެންސްގައި ކައުންސިލަރުން ހިއްޞާކުރެއްވިކަން ފާހަގަކުރައްވާފައެވެ.
އަދި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުން ހުށަހެޅުއްވި ކަންކަމުގެ އަލީގައި ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުން ގެންނަވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ޓީޗަރުންގެ މުސާރައަށް ގެންނެވި ބަދަލަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެވިފައިވާކަމުގައެވެ. އެހެންނަމަވެސް މުސާރަދިނުމުގައި ބައެއް ކަހަލަ މައްސަލަތައް ހުރިކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރަމުންގެންދާތީ އެކަމަށް ގެންނަންޖެހޭ ބަދަލެއް އޮންނަމަ އެކަންކަމަށްވެސް ގޮތްތަކެއް ނިންމަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ދަޢުލަތުގެ އެހެން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތްތައް ވެސް މިހާރު ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކިއެކި ކަންކަމާގުޅޭގޮތުން ނޫސްވެރިން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

