ހިޔާ ފްލެޓްތަކުގެ ކުލި އެއްބަސްވުމާއި އެއްގޮތަށް ނުދައްކާ ފަރާތްތައް ޖޫރިމަނާ ހިމެނޭ ގޮތަށް ކުލި ދެއްކުމަށް އެ ކޯޕަރޭޝަނުން އަންގައިފިއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ކުލި ނުދައްކާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން އެފަރާތްތަކަށް ފޮނުވާ ލިޔުން ހަވާލުވާތާ 30 ދުވަހުގެ ތެރޭގައި މަހު ކުލި ދައްކަން ޖެހޭޏެ ކަމަށާއި އެހެންނޫނީ ޖޫރިމަނާއެކު މަހުން މަހަށް ދައްކަން ޖެހޭ އަދަދު އިތުރުވާނެ ކަމަށް އެކޯޕަރޭޝަނުން ވަނީ އަންގާފައެވެ.
އެޗްޑީސީން ފޮނުވި ލިޔުމުގައި ބުނާގޮތުން ފައިސާ ދައްކާ ދުވަހާ ހަމައަށް ދައްކަން ޖެހޭ ޖުމްލަ އަދަދު ބެލުމަށް އެޗްޑީސީގެ “މައި ހުޅުމާލެ” ވެބް ޕޯޓަލް މެދުވެރިކޮށް، ނުވަތަ އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ.
ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައިވަނީ މިއަހަރު އޭޕްރީލްމަހުގައެވެ. ފްލެޓްތަކުގެ ފިނިޝިންގ ނުނިމޭތީ އާއި އެތަނުގެ ކުލި ބޮޑުކަމަށް ބުނެ ގިނަ ފަރާތްތަކުން ދަނީ ކުލި ކުޑަކުރުމަށް ގޮވާލާ އިހުތިޖާޖް ކުރަމުންނެވެ.

