މިލިޔަން ރުފިޔާގެ މަސްތުވާ ތަކެތި ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިދިޔަ ޖޫންމަހު 30 ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެއަށް ދަތުރުކުރި ފްލައިޓަކުން އައި މީހެއްގެ އަމަލުތައް ހުރިގޮތން ޝައްކުވެގެން އެމީހާ ފާސްކޮށް ބަލައި އިތުރަށް ސްކޭންކުރި ކަމަށެވެ. އެމީހާގެ ހަށިގަނޑު ބަލައި ފާސްކުރުމުން އޭނާގެ އެތެރެހަށިން 80 ބުލެޓް ނަގާފައިވާ ކަމަށާއި، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިނަށް ޕޮޒިޓިވް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
އަތުލައިގަނެވުުނު 852 ގްރާމް މަސްތުވާތަކެތި މިހާރުވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ. ކަސްޓަމްސްއިން ބުނާގޮތުން އެތަކެތީގެ އަގު 1.06 މިލިޔަނަށް އަރާނެއެވެ.
މިދިޔަ މަހުގެ ކުރީކޮޅާއި މެދެއްހާ ތަނުގައި ވެސް ޖުމްލަ ހަ ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާ އަށް އަރައެވެ.

