އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންއާއި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާގެ އައު ލަވަ "ދިލް އުޅެޔާ" އިއްޔެ ވަނީ ރިލީޒްކޮށްފިއެވެ.
ބީޗް ވައިބެއް ގެނެސްދޭ "ދިލް އުޅެޔާ" މި ލަވައަކީ ރެގޭ ޕޮޕް މިއުޒިކަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. ލަވައިގެ މެލޮޑީގައި ދިވެހި ބޮޑުބެރުގެ ބައެއް އަޑުތައްވެސް ހިމަނާފައިވެއެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ ގަނޭޝް ސުރްވޭ އަދި ރާއްޖޭގެ މަޝްޙޫރު މިއުޒިކް ޕްރޮޑިއުސަރ ބާރޗީއެވެ. ހިންދީ، ޕަންޖާބު އަދި ދިވެހި ބަސް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ލަވަ ކޮމްޕޯސްކޮށްފައިވަނީވެސް ޝާން އަމިއްލައަށެވެ.
މިއީ އެއްގޮތަށްވުރެ ގިނަގޮތްގޮތުން ދިވެހިންގެ ހިތްތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ލަވައެކެވެ. އެގޮތުން މި ލަވައިގައި ދިވެހި ބަހުން ޝާންއާއި އުނޫޝާގެ ރެޕް ބައެއް ހިމަނާފައިވެއެވެ. މި ރެޕް ބައި ލިޔެފައިވަނީ މަޝްޙޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)އެވެ. މި ލަވައިގެ ރިކޯޑިންގ ޝާން ސްޓޫޑިއޯގައި ހެދިނަމަވެސް އުނޫޝާގެ ވޯކަލްސް ރިކޯޑްކޮށްފައިވަނީ ވަކިން މާލޭގައެވެ.
މުޅި ލަވަ އެއްކޮށް ޝޫޓްކޮށްފައިވަނީވެސް ރާއްޖޭގައެވެ. ލަވައިގެ ވީޑިއޯއިން ރާއްޖޭގެ ހިތްގައިމުކަމާއި، ގުދުރަތީ މުއްސަނދިކަން ކިތަންމެ ފުރިހަމައެއްކޮށްވެސް ފެނިގެންދެއެވެ. މިލަވައިގެ މަންޒަރުތައް ނަގާފައިވަނީ ކްރޮސް ރޯޑްގެ ހާޑް ރޮކް ހޮޓަލްގައެވެ. ލަވައިގެ ވީޑިއޯއިން ޝާން ފިޔަވާ ދެން މުޅިންހެން ފެނިގެންދަނީ ދިވެހިންނެވެ. އެގޮތުން ލަވައިގައި ހަރަކާތްތެރިވާ ބެކްގްރައުންޑް ޑާންސަރުންނާއި ބޭންޑް މެންބަރުންގެ ގޮތުގައި ފެނިގެންދަނީ ހުސް ދިވެހި ފަންނާނުންނެވެ.
މި ލަވައިގެ ވާހަކަތައް ކިޔާދީ އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުގައި ޝާން ވަނީ އުނޫޝާގެ ހުނަރަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އެގޮތުން މި ލަވައިގައި ހިމެނޭ ހިންދީ ބައި އުނޫޝާ ގެނެސްދީފައިވަނީ ވަރަށް މޮޅަށްކަން އޭނާ ފާހަގަކުރިއެވެ. އަދި އުނޫޝާއާއެކު މަސައްކަތްކުރުމަށް ލިބުނު މި ފުރުޞަތުގައި އޭނާގެ މޮޅުކަން ތަޖުރިބާކުރެވި، ހައިރާންކޮށްލިކަމަށް ޝާން ބުނެފައިވެއެވެ.
މި ލަވަ ޝާންގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި ރިލީޒްކުރުމާއެކު ގިނަ ބަޔަކު އަންނަނީ މި ލަވަ ސޯޝަލް މީޑިއާގައި ޝެއަރކުރަމުންނެވެ. އަދި މިއީ އަޑުއަހާލަން ހިިތްގައިމު އުފާވެރި އިޙްސާސްތަކެއް ގެނުވާ ލަވައެއްގެގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.
ބޮލީވުޑްގެ ފިލްމަކަށް ލަވަކިޔުމުގެ ޝަރަފު މީގެކުރިންވެސް އުނޫޝާއަށް ވަނީ ލިބިފައެވެ. އެގޮތުން ޕޫޖާ ބަޓް ޑައިރެކްޓްކުރި ޖިސްމް 2 އަށް އުނޫޝާ ވަނީ "ހޭވައްލާ"ގެ ނަމުގައި ލަވައެއް ކިޔައިދީފައެވެ. 2012 ވަނަ އަހަރު ރިލީޒްކުރި މި ލަވައަކީ މިފަހަރުގެ ލަވައާއި ޚިލާފަށް އިނގިރޭސި ބަހުން ކިޔާފައިވާ ލަވައެކެވެ.
ޝާންއާއި އުނޫޝާގެ މި ލަވަ މިހާރު ރިލީޒްކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ މި މަސައްކަތަށް ތަޢުރީފުކުރަމުންނެވެ.

