ގއ. ވިލިނގިލީގައި އަންހެނެއްގެ އިނގިލީގައި ދަތް އަޅައި، އިނގިލިން ބައެއް ބުރިކޮށްލި މައްސަލާގައި ފަސް ދައުވާއެއް އުފުލައި، އެ މައްސަލާގެ ތުހުމަތު ކުރެވޭ މީހާ އަލުން ބަންދުކުރަން ދައުލަތުން އެދެފި އެވެ.
އެމައްސަލައާ ގުޅިގެން މެއި މަހުގެ 2 ވަނަ ދުވަހު 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، މި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރީ ގ. ޗެރީ ހައުސް، ޢަލީ ޙަސަން އެވެ. ފުލުހުން ހައްޔަރުކުރި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ 5 ދަޢުވާއެއް އުފުލާފައެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާއެއްގެ އިތުރުން އަނިޔާއެއް ދިނުމުގެ ތިން ދައުވާއެކެވެ. އެ މާރާމާރީގައި އެހެން ބަޔަކަށް ވެސް އަނިޔާވި އެވެ.
ގެއަކަށް ގަދަކަމުން ވަދެ އެ ގޭގައި ތިބި ހަތަރު މީހަކަށް ހަމަލާ ދިނުމުގެ ސަބަބުން އަނިޔާވީ އުމުރުން 60 އަހަރާއި، 39 އަހަރާއި، 31 އަހަރުގެ އަންހެނަކަށާއި އުމުރުން 74 އަހަރުގެ ފިރިހެނަކަށެވެ.

