ގއ. އަތޮޅު ކޮލަމާފުށީ ޙަސަންތަކުރުގެ މޫސާ ތަކުރުފާނާއި، ކޮލަމާފުށީ ޙަސަނުގެ އައިސާދިޔެގެ ދަރިކަލުން ކޮލަމާފުށީ ޢަބްދުއްރަޙީމް މޫސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން ٢٢ ربيع الاٰخر ١٣٥٣ މީލާދީން 1937 ވަނައަހަރުގެ އޯގަސްޓު މަހުން 3 ވަނައަށްވީ ހުކުރު ދުވަހު ކޮލަމާފުށީގައެވެ.
ޢަބްދުއްރަޙީމް މޫސާ އޭނާގެ ބައްޕަގެ އަރިހުން އުނގެނި ދަސްކުރައްވައި، ތަރުބިއްޔަތުވެ ވަރަށް ޒުވާން ޢުމުރުއްސުރެ ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށް ކިޔަވައި ދެއްވުމުގެ މަސައްކަތް ކުރައްވަން ފަށްޓަވައިފިއެވެ. އަމިއްލަ ގޮތުންނާއި، ރައްޔިތުންގެ ފަރާތުން ކިޔަވައި ދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.
ރައްޔިތުންގެ މަކުތަބުގައި ކިޔަވައި ދެއްވި ދުވަސްވަރު އުޖޫރައަކަށް މަސްބަޔަކާއި، ކާށިބައެއް ރައްޔިތުންގެ ފަރާތުން ދެއްވިއެވެ. އަމިއްލައަށް އިސްވެ ކިޔަވައިދެއްވި ދުވަސްވަރު ކުދިންގެ އަތުން އުޖޫރައެއް ނުނަންގަވައެވެ. ނަމަވެސް ކަމަކަށް އެދިއްޖެނަމަ ކިޔަވާ ކުދިންގެ ޢާއިލާތަކުން އެކަމެއް ކޮށްދެއްވާ ކަމުގައި ވެއެވެ.
އިދާރީ މަސައްކަތަށް ވަދެވުނީ ކޮލަމާފުށީ އިސްމާޢީލުކަތީބުގެ ނާއިބުކަމުގެ ދުވަސްވަރު އޭނާގެ ކާތިބެއްގެ ގޮތުގައި ރަށާއި އަތޮޅުތެރޭގައި މަސައްކަތް ކުރައްވަން ފެށްޓެވި ހިސާބުންނެވެ. އަދި މިދުވަސްވަރު އިސްމާޢީލުކަތީބުގެ އަރިހުން އުނގެނި ނާއިބުކަމުގެ ގިނަ ކަންކަން ދަސްކުރައްވައި ތަޢްލީމު ޙާޞިލުކުރައްވަމުން ތަޖްރިބާ ހޯއްދަވަމުން ގެންދެވިއެވެ.

އިސްމާޢީލު ކަތީބު ނިޔާވިއިރު ޢަބްދުއްރަޙީމް މޫސާ ހުންނެވީ ރަށްރަށުގެ ނާއިބުކަން ކުރެއްވޭ މިންވަރަށް ނާއިބުކަމުގެ ކަންކަން ދަސްވެފައެވެ. އެހެންކަމުން އިސްމާޢީލު ކަތީބު ނިޔާވުމުން ނާއިބު އިސްމާޢީލުކަތީބު ކުރައްވަމުން ގެންދެވި މަސައްކަތް ކުރެއްވުމަށް ޢަބްދުއްރަޙީމް މޫސާއާ ދައުލަތުން ޙަވާލު ކުރައްވައިފިއެވެ. އެހާާތަނުން ފެށިގެން ޙަވާލުކުރެވުނު ދާއިރާކަމުގައިވާ
ކޮލަމާފުށްޓާއި ދެއްވަދޫގެ ނާއިބެއްގެ ގޮތުގައި ދައުލަތަށް ޚިދުމަތް ކުރެއްވިއެވެ.
އޭގެފަހުން އައްޝައިޚުލް އުސްތާޒު މޫސާފަތުޙީ އަލްއަޒުހަރީ ހިންގެވި ޤާޟީން ތަމްރީނު ކުރެއްވުމުގެ ކިލާސްތަކުގެ ފުރަތަމަ ބުރުގައި ބައިވެރިވެ ތަޢްލީމާއި ތަމްރީނު ހޯއްދެވިއެވެ. ކޮލަމާފުށީ ކުޑަކަތީބުކަމުގެ މަޤާމު ޢަބްދުއްރަޙީމަށް ދައުލަތުން ދެއްވީ މިހިސާބުންނެވެ.
ކުޑަކަތީބެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެއްޓެވުމާއެކު މަކްތަބުއްސަޢީދުގެ ނަމުގައި މަކްތަބެއް ރަޖިސްޓަރީކޮށް ވަކިތަނެއް ހައްދަވައިގެން އިތުރު ޚިދުމަތެއްގެ ގޮތުގައި ކިޔަވައި ދެއްވަން ފެއްޓެވިއެވެ. އަދި މިމަކްތަބުގައި ރަށުގެ ކުޑަކުދިންނަށް ތަޢްލީމު ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.
މި މަކްތަބު ހިންގަމުން ގެންދިޔައީ ދެކުނު އަވަށުގެ މަކްތަބުގެ ގޮތުގައިއެވެ. މިދުވަސްވަރު ކިޔަވައި ދެމުން ދިޔައީ ދެއަވަށުގެ މެދުގައި ވަރަށް ވާދަވެރިކަމާއެކު ހިނގަމުންދިޔަ ކަމެއްގެ ގޮތުގައެވެ. އުތުރު އަވަށުގައި ކަތީބު އިބްރާހީމް ތައުފީޤު ގެންދެވީ މަކްތަބުލްހިދާޔާގެ ނަމުގައި މަކްތަބެއް ހިންގަވައި އުތުރު އަވަށުގެ ކުދިންނަށް ކިޔަވައި ދެއްވަމުންނެވެ. އަޅުގަނޑަށް ލިބިފައިވާ މަޢްލޫމާތުތަކަށް ބުރަވާއިރު މިއީ 1972 އާއި 1973 ހިސާބުގެ ދުވަސްވަރެވެ.

ކަތީބު އިބްރާހީމް ތައުފީޤު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން 1984 ވަނަ އަހަރު ޢަބްދުއްރަޙީމް މޫސާއަށް ކަތީބުކަން ލިބިވަޑައިގެން ރަށް ހިންގުމުގައި އިސްވެ ހަރަކާތްތެރިވާން ފެށްޓެވިއެވެ. އަދި ކަތީބު ކަމުގެ ޒިންމާއާއެކު ރަށް ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.
ކޮލަމާފުށީ ބަދަރަކީވެސް އެދުވަސްވަރުގެ މިންގަނޑުން ކޮލަމާފށީގައި ސަރުކާރުން ހިންގެވި ފަޅު ފުންކުރުމުގެ މަޝްރޫޢެކެވެ. އެއްގަމު އަދި ބޭރު ތޮށި ލުމަކީ ރައްޔިތުންގެ މަސައްކަތަކަށް އޭރުއޮތީ ވެފައެވެ. ހައިމާކުން ފަޅު ކޮންނައިރު ލިބޭ ގަލުން ތޮށިގަނޑު ޖަހަނީއެވެ. ސިމެންތި ބޭނުންނަމަ ސިމެންތި ހޯދުމަކީ ވެސް ރައްޔިތުންގެ ކަމެކެވެ. މިގޮތުން ކުރެވޭ މަސައްކަތްތަކަށް ސަރުކާރުގެ އެހިތެރިކަން ވެސް ކޮންމެވެސް މިންވަރަކަށް ލިބެއެވެ.
ކޮލަމާފުށީ ބަދަރު ހެދުމުގެ ވިސްނުން ކަތީބު އަދި ރަށްކުރިއަރުވާ ކޮމިޓީގެ އިސްވެރިން ކުރައްވައި އެއްގަމުތޮށިގަޑު ސިމެންތި ފިލައިން ނުވަތަ ސިމެންތި ބިތްގަނޑަކުން ހަދާނެ ގޮތަކާމެދު އަޅުގަނޑާ މަޝްވަރާ ކުރެއްވިއެވެ. ކަންދިމާ ކުރިގޮތުން އަޅުގަނޑަކީ އަތޮޅު އޮފީހުގައި މިމަސައްކަތްތައް ބަލައި ކުރުވަން އޭރު ހުރި މީހާއެެވެ. ރަށްކުރިއަރުވާ ކޮމިޓީތައް ހިންގައި ޙަރަކާތްތެރި ކުރުވުމަކީ ވެސް އަޅުގަނޑުގެ މަސްއޫލިއްޔަތަކަށް އޮތީ ވެފައެވެ.
ވީމާ، ކޮލަާފުށީ ރަށްކުރިއަރުވާ ކޮމިޓީއާއި ވެެރިންގެ ވިސްނުމަށް ޙައްލެއް ހޯދުމަށް ވިސްނުމަށް ފަހު އެއް ޝީޓު އަނެއް ޝީޓުގެ ތެރެއަށް ވަންނަ ގޮތަށް އަދި ބިމަށް ވެއްދުމަށް ކޮންމެ ޝީޓެއްގައިވެސް ދަގަޑު ހޮޅި ހަރުކުރެވިފައި ހުންނާނޭހެން ހިކިދިޔައިގައި ފެނުން ހިކިފައި ހުންނާނޭ އުސްމިނަކަށް އެއްގަމުގައި ޝީޓްތަކެއް އަޅައިގެން ބަދަރުގެ އެއްގަމު ކީވޯލް ހެދުމަށް ޝީޓުގެ ނުވަތަ ޕެނެލްގެ ޑިޒައިނެއް އަޅުގަނޑު ހެދީއެވެ.
މިޑިޒައިނުގެ ޝީޓުތައް ހައިމާކުން ނަގައި ޖެހުމުން ކޮންމެ ދެ ޝީޓެއް ގުޅޭބައި ފެންނަން ހުންނަނީ ފޫޓެއްހައި ފުޅާ އަދި 4 އިންޗިހައި ބޯ މިނުގެ ތަބެއްގެ ގޮތަށެވެ. އަދި ޝީޓުތައް ޖެހުމަށްފަހު ހިކިދިޔަ ލިބުމުން މަތިން ފެންނަން ހުންނަ ދަގަނޑުތަކާއެކު ބެރިއެއް އަޅައި ޝީޓުތައް އެއްކޮށް ލުމަށްފަހު އެތެރެއަށް ވެލިއަޅައި ބާރުކޮށް އެއްވަރުކޮށް ރަށުގެ ހަމަބިމާ ހަމައަށް ރާނައި މަތިއަޅައި ވާޓަރު ހެދީއެވެ. މިއީ މިގޮތަށް މިކަހަލަ ވިސްނުމެއްގައި ސިމެންތި ޝީޓުން ޝީޓު ޕައިލް ކޮށްގެން ރާއްޖޭގައި ބަޔަކު ހެދި ފުރަތަމަ ބަދަރެވެ.

މިމަޝްރޫޢަށް ފައިސާ ހޯދީ ކޮލަމާފުށީ ރައްޔިތުންގެ މަސައްކަތުންނާއި، ބަދަރު ފަންޑަށް ފައިސާ ހޯދުމަށް ހިންގި ޙަރަކަާތްތަކުންނާއި، ހެޔޮއެދޭ އެކި ފަރާތްތަކުންނާއި ދަތުރުވެރިންގެ އެހީއިންނެވެ. އަދި ސަރުކާރުން ދެއްވި އެހީގެ އިތުރުން ބައެއް ވަޒީރުންވެސް އަމިއްލަ ގޮތުން
އެހީތެރިވެ ދެއްވައި ބަދަރު ފަންޑަށް ފައިސާ ހަދިޔާ ކުރެއްވިއެވެ.
ގޭގޭގައި ބެހެއްޓި ކުދި ޖަނަރޭޓަރުތަކުން ގޭގެއަށް ކަރަންޓު ދިނުމުގައި ހުރި ތަފާތުކުުރުން ތަކާއި، ކަރަންޓު ދިނުމުގައި ހުރި ދަތިތައް ނައްތާލުމުގެ ގޮތުން ރައްޔިތުންގެ އިންޖީނުގެއެއް ބިނާކޮށް ރައްޔިތުންގެ އަމިއްލަ ކަރަންޓު ރައްޔިތުންގެ ގޭގެއަށް ދޫކުުރުމުގެ ޚާއްޞަ މަޝްރޫޢެއް ރަށްކުރިއަރުވާ ކޮމިޓީގެ އެއްބާރު ލެއްވުމާ ތާއިދާއެކު ކުރިޔަށް ގެންދެވިއެވެ.
މި މަޝްރޫޢަށް ފައިސާ ހޯއްދެވުމަށް ރަށްކުރިއަރުވާ ކޮމިޓީން ކޮންޓްރެކްޓަށް މަސައްކަތް ކުރެއްވިއެވެ. އެދުވަސްވަރު ރކ ކޮމިޓީގެ ރައީސަކަށް ހުންނެވި ކޮލަމާފުށީ އައްސޭރި މުޙައްމަދު ނިޒާމާއި ކޮމިޓީގެ މެމްބަރުންގެ ތާއީދާއި، ކޮމިޓީގެ މެމްބަރުންގެ އަމިއްލަ މަސައްކަތުން ފައިސާ ހޯއްދެވިއެވެ. މިގޮތުން ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކޮލަމާފުށީގައި ބިނާކުރި ކޮލަމާފުށީ އޮފީހާއި ކޯޓުގެ ޢިމާރާތުގެ މަސައްކަތް ކޮށްގެން ފައިސާ އެއްކުރައްވައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަސައްކަތުން އިންޖީނުގެ ބިނާކޮށް ކޭބަލް ވަޅުލައިގެން ގޭގެއަށް ކަރަންޓު ދޫކުރެއްވިއެވެ.
ކޮލަމާފުށްޓަށް ޚިދުމަތް ކުރެއްވުމުގައި 1994 ވަނަ އަހަރުގެ މެދެއްހާ ތަނާ ޖެހެންދެން ޢަބްދުއްރަޙީމް މޫސާ ދެމި ހުންނެވިއެވެ. އަމިއްލަ ރަށާއި އަތޮޅަށް ޚިދުމަތް ކުރެއްވުމުގައި ހީވާގި ކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އިސްވެދެންނެވި ފަދައިން ރައްޔިތުންގެ މަސައްކަތުގެ އިތުރުން ނާއިބުކަމާއި، ކުޑަކަތީބު ކަމާއި، ކަތީބު ކަމުގައި މެދުނުކެނޑި ސަރުކާރަށް 38 އަހަރު ޢަބްދުއްރަޙީމް މޫސާ ވަނީ ޚިދުމަތް ކުރައްވާފައެވެ.
ކޮލަމާފުށީ ޢަބްދުއްރަޙީމް މޫސާއަކީ ވަރަށް ދިގު މުއްދަތެއްގައި ކޮލަމާފުށްޓަށާއި އަތޮޅުގެ ބައެއް އެހެން ރަށްރަށަށްވެސް ޚިދުމަތް ކުރެއްވި ހަރުދަނާ ޝަޚުޞިއްޔަތެކެވެ. އަދާކުރެއްވި ވަޒީފާ ތަކުގެ ތެރޭގައި ކޮލަމާފުށީ ދެކުނު އަވަށު މަކްތަބު، މަކްތަބުއްސަޢީދުގެ ނާޒިރު ކަމަާއި، މުދައްރިސް ކަމާއި، ކޮލަމާފުށްޓާއި ދެއްވަދޫގެ ނާއިބުކަމާއި، ކޮލަމާފުށީ ކުޑަކަތީބު ކަމާއި، ކަތީބުކަން ހިމެނެއެވެ. އަދި ރަށްކުރިއަރުވާ ކޮމިޓީގެ ރައީސްކަމާއި، މިމްބަރުކަމާއި، އަތޮޅުކޮމިޓީގެ މިމްބަރުކަންވެސް ކުރައްވާފައި ވެއެވެ.
ޢަބްދުއްރަޙީމް މޫސާ ތަޢްލީމު ޙާޞިިލު ކުރައްވައި ސަނަދު ހޯއްދަވާފައިވާ ދާއިރާތަކުގެ ތެރޭގައި ރާއްޖެތެރޭގެ ރަށެއްގެ ވެރިކަމުގެ ސަނަދާއި، ކާތިބު ކަމުގެ ސަނަދާއި، މުދައްރިސު ކަމުގެ ސަނަދާއި، ކަށުކަމާކެމީގެ ސަނަދާއި، އިމާމުވެ ހުުކުރު ކުރުމުގެ ސަނަދު ހިމެނެއެވެ. އަދި 1990 ގެ އަހަރުތަކުގައި އަތޮޅުތަކުގެ ވެރިންނަށް އަމާޒުކޮށްގެން ސަރުކާރުން ހިންގެވި ޒަމާނީ ތަޢްލީމާއި ތަމްރީނު ކޯސްތަކުގައި ބައިވެރިވެ ކުރިއެރުންތައް ހޯއްދެވިއެވެ.
ޢަބްދުއްރަޙީމް މޫސާގެ ދިރިއުޅުއްވުމަށް ނަޒަރު ހިންގާލާއިރު ތިން ކައިވެނިފުޅު ކުރެއްވިއެވެ. ފުރަތަމަ ކައިވެނިފުޅު ކުރެއްވީ ކޮލަމާފުށީ ދޮންކަމަނައާއެވެ. މިކައިވެންޏަށް އަންހެން ކުއްޖަކު ލިބި ނިޔާވީއެވެ. އަދި ދެވަނަ ކައިވެންޏެއް ކޮލަމާފުށީ މުދިމް މުޙައްމަދު ތަކުރުފާނުގެ ރެކިބީފާނާއި ކުރެއްވިއެވެ. ޙަސަން ސަޢީދާއި، އާސިޔަތު ޢަބްދުއްރަޙީމް ލިބިވަޑައިގަތީ ރެކިބީފާނުގެ ބަޑުންނެވެ. މިދެކުދިން ވަރަށް ކުޑައިރު މިދެކުދިންގެ މަންމަ ރެކިބީފާނު ނިޔާވުމުން ރެކިބީފާނުގެ ކޮއްކޮ ޢާއިޝަތު އަނީސާއާއި ކައިވެނި ބައްލަވައި ގެންނެވިއެވެ. އަދި އަނީސާގެ ބަޑުން ހަތަރު ކުދިން އުފަންވެ ދުނިޔޭގައި ތިއްބެވީ 2 ކުދިންނެވެ. އެއީ ޢަލީ ޝަރީފު ނުވަތަ ކަތީބު ޝަރީފާއި، އިސްމާޢީލު ޙަބީބު ޢަބްދުއްރަޙީމެވެ.
ކޮލަމާފުށީ ކަތީބުގެ ޚިދުމަތުގައި ދައުލަތަށާއި، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދެވުމުގެ ތެރޭގައި ޢަބްދުއްރަޙީމް މޫސާ އާއި އެއްބަފައި ކޮއްކޮ އިބްރާހީމް ރަޝީދު ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅުގެ ދެ ގޮޑިން އެއް ގޮޑިއަށް ކުރިމަތި ލެއްވުމުން ބައެއް ސިޔާސީ ވެރިން އެކަމާ ހިތްހަމަ ނުޖެހުނެވެ. އަދި ކަތީބު ކަމުގެ ވަޒީފާ އިން އެއްވެސް ކުށެއްނެތިވަކި ކުރެއްވިއެވެ
ސަރުކާރުގެ ޚިދުމަތުގައި 38 އަހަރު އުޅުއްވާފައި ސިޔާސީ ސަބަކާހެދި ވަޒީފާ އިން ވަކިކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ދެންނެވިއެވެ. ޖަވާބެއް ނުލިބި އެކަމުގެ ހިތާމައިގައި އިންސާފެއް ނެތް މިދުނިޔެއާ އަބްދުއްރަޙީމް ވަކިވެގެން ދިޔައީ އެވެ. އެއީ ހިޖުރައިން ١٠ ربيع الآخر ١٤١٥ އަދި މީލާދީގޮތުން 16 ސެޕްޓެންބަރު 1994 ހުކުރު ދުވަހުއެވެ.
މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ޢަބްދުއްރަޙީމް މޫސާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލަހައްޓަވާށިއެވެ. އާމީން!

