ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރު ފަތުރުގެ ނިޒާމް “އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް” ގެ ދަށުން ފަށާ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް)ގެ ދަތުރުތައް ރަސްމީކޮށް މިއަދު ފަށަން ނިންމައިފިއެވެ.
އެގޮތުން އެމްޓީސީސީން މި ފެރީގެ ޚިދުމަތް ދޭން ފަށަނީ ފޭސް އެކެއްގައި ހިމެނޭ ހދ.އަތޮޅުގެ ރަށްތަކަށެވެ.
އާރުޓީއެލްގެ ފެރީ ދަތުތުތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުން ކައިރި ރަށްރަށަށާއި ދުރު ރަށްތަކުގެ އިތުރުން އެހެން ރީޖަންތަކަށް ވެސް އެ ފެރީތަކުގައި ދެވޭނެ އެވެ.
މިއަދުން ފެށިގެން ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރަން ފަށާއިރު “އާރުޓީއެލް” އެޕް މެދުވެރިކޮށް ދަތުރުތަކަށް ޓިކެޓް ނެގޭނެ ކަމަށް ޕެލޭނިންގ މިނިސްޓްރީން ބުނެއެވެ. އޭގެ އިތުރުން ވެބް ޕޯޓަލްކޮށް ވެސް އަދި ފެރީން ވެސް ޓިކެޓް ނެގޭނެ އެވެ.
ފެރީގެ ހިދުމަތް ދޭން ބޭނުންކުރަނީ 50 މީހުންގެ ލޯންޗުތަކެކެވެ. އަދި ވީލް ޗެއާ ބޭނުންކުރާ މީހުންނަށް ވެސް އެ ލޯންޗުގައި ފަސޭހައިން ދަތުރުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ހދ. އަތޮޅުގެ އެކި ރަށްރަށަށް އާރުޓީއެލް މެދިވެރިކޮށް ކުރާ ދެކޮޅު ދަތުރުތަކުގެ އަގުތައް އުޅެނީ 65 ރުފިޔާއާއި 180 ރުފިޔާއާ ދެމެދު އެވެ. އަދި ތިން އަަހަރުން ދަށުގެ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.

