އިމާމުންނާއި ޚަޠީބުންނަކީ ޤާބިލް ބަޔަކަށް ހެދުމަށްޓަކައި އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މިފަދަ ކޯސްތަކާއި، ތަމްރީނުތައް ހިންގުމުގެ އެންމެބޮޑު ބޭނުމަކީ ތަމްރީނުތަކުގައި ބައިވެރިވާ ބޭފުޅުންނަކީ ޤާބިލް ބަޔަކަށް ހެދުން ކަމަށާއި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ. އެގޮތުން ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ ބޭފުޅުން ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިންވަރަށް ބެލޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބްކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮންމެ ކަމެއް ކުރާއިރުވެސް ޤުރުބަނީތަކެއް ވާންޖެހޭކަމަށާއި ޤުރުބާނީތަކެއް ނުވާނަމަ ނަތީޖާ ނުލިބޭނެކަމަށެވެ. މިފަދަ ތަމްރީނުތައް ކުރިއަށް ގެންދެވޭއިރު، ތަމްރީނުތަކުގައި ބައިވެރިވާން އެ ހޭދަވާ ވަގުތާއި ކަންކަމަކީ ވަރަށް ބޮޑު ޤުރުބާނީއެއްކަމަށާއި އެފަދަ ޤުރުބާނީތަކެއް ވެގެން މެނުވީ ކާމިޔާބު މީހަކަށް މީހާ ނުވާނެކަމަށެވެ.
އެހެންކަމުން މިފަދަ ތަމްރީނު ޕްރޮގްރާމުތަކަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށާއި އެގޮތަށް ކުރިއަށް ވަޑައިގަންނަވަން ތިބިކަމުގައިވާނަމަ އެ ބޭފުޅުންނަކީ ރަނގަޅު، ޤާބިލް، ހުނަރުވެރިބަޔަކަށް ހަދަން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ. އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުފުޅުވާކަމަށާއި އެހެންކަމުން އެ ބޭފުޅުންނަށް މިފަދަ ޕްރޮގްރާމްތައް ހިންގަން ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި އެހީތެރިކަން އެބޭފުޅުންގެ ފަރާތުން ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ބަޔަކަށް ވުމާއި، މިސްކިތަކީ މުޤައްދަސްތަނަކަށްވާއިރު، އާންމުން، އިމާމެއްގެ ކިބައިން ފެންނަން ބޭނުންނުވާ، ނުވަތަ އިމާމަމަށްވާތީ ބަލައިނުގަންނަ ކަންކަމުން އިމާމުން ދުރުހެލިވުމަށް މިނިސްޓަރވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
ފުވައްމުލައް ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް، މިމަހުގެ 09 އަކުން 3 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 38 ފަރާތަކުން ބައިވެރިވިއެވެ.

