ގއ. މާމެންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންގޮސްފިއެވެ.
މި މަހުގެ 11 ވަނަ ދުވަހު މާމެންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ދަރިން ތަރުބިއްޔަތުކުރުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަމާއި ދަރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިންކުރާ ކަންކަން ބެލެނިވެރިން ގާތުން ބެލުމަށާއި ބެލެނިވެރިން ދަރިންނަށް ރަނގަޅު ނަމޫނާ ދެއްކުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އޭގެ އިތުރުން، ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކާއި ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ރަށުގައި ހުރި މައްސަލަތަކުގެ ތެރޭން ބެލެނިވެރިން ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.
މާމެންދޫ ސްކޫލާއި ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 58 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

