މަސް ބަންދުކުރާ ބޮޑު ކާރުޚާނާއެއް ގދތިނަދޫގައި ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ތިނަދޫ ކައުންސިލާއި އަޒްރޯވާ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއި ކޮށްފިއެވެ.
240 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ތިނަދޫ ގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ކާރުޚާނާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ ތިނަދޫ ކައުންސިލް އިދާރާގައެވެ.
މި އެއްބަސްވުމުގައި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ތިނަދޫ ރައީސް ސައުދު ޢަލީ އެވެ. އަދި އަޒްރޯވާ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ހައިޝަމްއެވެ.

ތިނަދޫ ގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ކާރުޚާނާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިނަދޫ ރައީސް ސައުދު ޢަލީ ވިދާޅުވީ އަޒްރޯވާ މޯލްޑިވްސް އިން ތިނަދޫ ގައި ޤާއިމު ކުރާ ކާރުޚާނާ އަކީ މުޅި އަތޮޅަށް ހުޅުވިގެންދާ ތަރައްޤީގެ މުޅިންއާ ދޮރާއްޓެއް ކަމަށާއި މިފަދަ ކޮންމެ ޕްރޮޖެކްޓަކަށް ތިނަދޫ ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާނެ ކަނަށެވެ.
ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ހުވަދު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އަޒްރޯވާ މޯލްޑިވްސް ގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ހައިޝަމް ވިދާޅުވީ ތިނަދޫ ގައި މަސް ބަންދުކުރާ ޤާއިމު ކުރުމަށް ހުށަހެޅި ޕްރަޕޯސަލް ތިނަދޫ ކައުންސިލުން ޤަބޫލުކުރި ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށާއި ތިނަދޫ އަކީ މި ކަމަށް އެންމެ ރަނގަޅު ރަށް ކަމަށެވެ. އަދި މިއީ ވަޒީފާގެ ގިނަ ފުރުސަތު ތަކާއި އެއްތަނަކުން މަސްވެރިންނަށް ގިނަ ޚިދުމަތްތަކެއް ލިބިގެން ދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މަޝްރޫޢު އަކީ ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީގެ ވަރަށް ބޮޑު އެއްބާރުލުމާއި މަޝްވަރާތައް ލިބިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
އަޒްރޯވާ މޯލްޑިވްސްގެ މަސް ބަންދު ކުރާ ކާރުޚާނާ އެޅުމަށް ހަމަޖެހިފައިވަނީ ތިނަދޫގެ އުތުރު ސަރަހައްދުގެ އަލަށް ހިއްކި ބިމުގައެވެ. ކާރުޚާނާ އަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދުގައި 650 ފޫޓްގެ ޖެޓީއެއް ހަދައި މަސްވެރިންނަށް ޚާއްޞަ ބަނދަރެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސްވެރިކަން ކުރާ ދޯނި ފަހަރަށް ބޭނުންވާ ތެލާއި އައިސް ލިބޭނެ ގޮތާއި ވޯރކްޝޮޕްތައް ތައްޔާރު ކުރެވޭނެއެވެ.
ތިނަދޫ ގައި ޤާއިމު ކުރާ މަސް ބަންދު ކުރާ ކާރުޚާނާގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޢީދު ބަންދަށް ފަހުގައެވެ. އަދި ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި ހުރިހާ މަސައްކަތްތަކެއް ނިންމާ ޚިދުމަތް ދޭން ފަށާނެ ކަމުގައި އަޒްރޯވާ މޯލްޑިވްސް ބުނެއެވެ. މިއީ މަސްވެރިން ބާނާ މަސް ގަތުމަށް ހުވަދު އަތޮޅަށް އިތުރުވާ، 1500 ޓަނުގެ ކެޕޭސިޓީ އެކެވެ.

