އިންޑިޔާ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ އިސް ލީޑަރަކު އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް މަލާމާތްކުރި މައްސަލައިގައި މުޒާހަރާއަށް ނުކުތް މުސްލިމުން ފާހަނގަކޮށް އެމީހުންގެ ގެދޮރުތައް ހަލާކުކޮށް އިމާރާތްތައް ތަޅާލައިފިއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރު ޔޯގީ އަޑިތުނަޔަތުގެ އަމުރަށް އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގައި މިދިޔަ ހަފްތާގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެތައް ބައެއްގެ ގެދޮރުތައް ވަނީ ތަޅާލައިފައެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާއި ގުޅިގެން މުސްލިމުން އިންޑިއާގެ އެކި ކަންކޮޅުތަކުގައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން އެބަގެންދެއެވެ. މިމުޒާހަރާތަކުގައި މުސްލިމުންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުން ހިނގައި ފުލުހުންވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން އިންޑިއާގެ ކަޝްމީރުގައި، ވެރިކަންކުރާ ޕާޓީގެ ކުރީގެ ސްޕޯކްސްޕާސަންގެ ބޮލަށް ބަޑިޖަހާނޭ ކަމަށް ބުނެ އިންޒާރުދޭ ވީޑިއޯއެއް ޕޯސްޓުކުރި ޒުވާނަކު އިންޑިޔާ ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.
އިންޑިޔާގައި ހިންދޫ ދީނުގެ މީހުންނާއި މުސްލިމުންގެ ކޯޅުންގަނޑު ދުވަހެއް ދުވަހެއް މިދަނީ އިތުރުވަމުންނެވެ.
އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން ހައްޔަރުކުރުމަށް މުސްލިމް ޖަމާއަތްތަކުން ޑިމާންޑްކުރަމުންދާއިރު، ހަރުކަށި ހިންދޫ ބައެއް ޖަމާއަތްތަކުން ވަނީ އެމީހުންނަކީ ހިތްވަރުގަދަ އަދި ނޭޝަނަލިސްޓް ސިޔާސީ ބައެއްގެ ގޮތުގައި ލޭބަލްކޮށްފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ދެ މެމްބަރަކު އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ދެއްކި ކަމަށް ބުނެ، މުސްލިމުން ތުހުމަތު ކުރުމާއި ގުޅިގެން އެޕާޓީގެ އިސްތަރުޖަމާޏް ނުޕޫރް ޝަރުމާގެ އިތުރުން އެޕާޓީގެ އިތުރު މެމްބަރަކު ވަނީ ޕާޓީން ސަސްޕެންޑްކޮށްފައެވެ.

