ކޯސްޓް ދެ ކިރުދަޅަކާއި، ދެ ކޮފީ ޕެކެޓް ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މައުލޫމާތުލިބޭ ގޮތުގައި މާލޭގެ މަދީޖީ މަގުގައި ޖުންނަ ރެޑްވޭވް ސްޓޭޑިއަމް ފިހާރައިން ކޯސްޓް ދެ ކިރުދަޅަކާއި، ދެ ކޮފީ ޕެކެޓް ވަގަށް ނަގައިގެން ޖަލުހުކުމެއް ކޮށްފައިވަނީ ހދ. މަކުނުދޫ، ލުނބޯގަސްދޮށުގޭ ހުސެއިން މަޙީލްގެ މައްޗަށެވެ.
29 އޭޕްރީލް 2021 ވަނަ އަހަރު ހިނގާދިޔަ ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހުސައިން މަހީލް މި މައްސަލައިގެ އިބްތިދާއީ މަރުހަލާގެ އަޑުއެހުމުގައި ދައުވާއަށް ފުރަތަމަ އިއުތިރާފްވި ނަމަވެސް މައްސަލަ އަވަސް ނިޔާގެ ދަށުން ނިންމަން ވެގެން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
ރެކެއްގެ ބިތްދޮށުގައި ހުރެގެން އޭނާ ގެންގުޅުނު ރަތްކުލައިގެ ކޮތަޅަކަށް އެ ތަކެތި ލުމަށް ފަހު، އެ ތަކެއްޗަށްވާ ފައިސާ ނުދައްކައި ފިހާރައިން ނުކުންނަން އުޅުމުން އޭނާ ވަނީ އަތުލައިގެންފައެވެ. ދައުވާއަށް އޭނާ އިންކާރުކުރުމުން މިމައްސަލައިގައި ހިމެނޭ އެ ވަގުތު ފިހާރައިގައި ތިބި ހަތަރު މީހުންގެ ހެކި ބަހުންނާއި އޭނާ ފުލުހުންނަށް ދިން އިއުތިރާފް ބަޔާނުން އޭނަގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކޮށްފިއެވެ. ދިފާއަށް އޭނާ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
މިހެންކަމުން ކުށް ސާބިތުވި ކަމަށް ބަލާ، ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ޖަލުގައި 16 ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތު ތަންފީޒު ކުރާ ޖަލު ހުކުމުގެ މުއްދަތުން ވަނީ އުނިކޮށްފައެވެ.

