ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ތިނަދޫ ޕޮލިސް ސްޓޭޝަން ކުރިމަތީ ހުރި ހިލައާއި ހިލަވެލި ޕަބްލިކް ވަރކްސް ތިނަދޫ ސައިޓުން ނެގުމަށްފަހު އެސައިޓާއި ޖެހިގެން އޮންނަ ރުއްގަނޑަށް އެހިލަވެލި ޖަމާކުރުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ނުކުމެ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
މިކަމާއި ބެހޭގޮތުން "ހުވަދޫ ނިއުސް"އަށް މައުލޫމާތު ދިން މީހަކު ބުނިގޮތުގައި ރުއްގަނޑަށް އެހިލަވެލި ޖަމާކުރުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންގެ ގެތަކަށް އެހިލަވެލި ވަޔާއެކު އައުމުގެ ސަބަބުން ގިނަ ތަކުލީފްތައް ކުރިމަތިވާ ކަމަށާއި މުޅި މަގުގައިވެސް އޮތީ ހިލަވެލި ކަމަށެވެ.

ޕަބްލިކް ވަރކްސްއިން ނަގަމުންދާ ހިލަވެލިތައް އެސައިޓުގެ ހުޅަނގަށް އޮންނަ ރުއްގަނޑުތެރެޔަށް އަޅާފައި – ހުވަދޫ ފޮޓޯ: އަސްމާ އަފީފް
މިމައްސަލައާއި ބެހޭގޮތުން "ހުވަދޫ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ ޕަބްލިކް ވަރކްސްއިން އެމަސައްކަތް ކުރަމުންދަނީ ކައުންސިލްގެ އެއްވެސް ހުއްދައެއްނެތި ޤާނޫނާއި ޚިލާފަށް ކަމަށާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭ ގެއްލުންތަކުގެ ބަދަލު އެފަރާތްތަކަށް ހޯދަދޭޭނަކަމަށެވެ.
ތިނަދޫ ކައުންސިލުން ބުނާ ގޮތުގައި އެ ހިލައާއި ހިލަވެއްޔާއި ދަގަނޑު ފަދަ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗަކީ އެ ކައުންސިލުގެ ބިމެއްގައި ހުރި އެ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗެވެ. އަދި ޕަބްލިކްވޯރކްސްގެ ވެހިކަލްތައް ބޭނުންކޮށްގެން ޕަބްލިކްވޯރކްސްގެ ސައިޓަށް ޖަމާކުރަމުން ދަނީ ތިނަދޫ ކައުންސިލުގެ ހުއްދައެއް ނެތި ކަމަށްވެސް އެކައުންސިލުން ބުނެއެވެ.
ޕްލޭނިން މިނިސްޓްރީން ތިނަދޫ ގައި ހުންނަ ޕަބްލިކް ވޯކްސްގައި އެދިގެން އެތަނުގައި ހުރި ހިލަވެލިތައް ނަގައިގެން ޕަބްލިކް ވޯކްސްގެ ގޯތިތެރެއަށް ގެންދަން ފެށުމުން ތިނަދޫ ކައުންސިލުން ދަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. ކައުންސިލުން ތަކުރާރުކޮށް ބުނުމުން ދަނީ އެ ކައުންސިލަށް އެންގުމެއް ނެތި އެމީހުންގެ ބިމެއްގައި އެމީހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ނަގާކަމަށެވެ. އަނެއް ކޮޅުން ސަރުކާރުގެ މިނިސްޓްރީ ކަމުގައިވާ ޕްލޭނިން މިނިސްޓްރީން ރަސްމީ ލިޔުން މެދުވެރިކޮށް އަންގަމުން ދަނީ އެ ތަކެއްޗަކީ ޓާޓާ އަށް ބަދަލު ދީ އެ މިނިސްޓްރީ އަށް ނަގާފައިވާ ތަކެތި ކަމަށެވެ.
މިމައްސަލައިގައި ތިނަދޫ ކައުންސިލުން ވަނީ ޕަބްލިކް ވަރކްސް ސަރވިސް ގޮވައިގެން ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

