ގދ.ތިނަދޫ ސައިޓުގައި ހުރި ހިލަވެލި މައްސަލައިގައި އެދާއިރާގެ މެންބަރު ސަނީފް، މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި ހޫނު ސުވާލެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް މިނިސްޓަރާއި ވަނީ އޯވަސިސް އިންފްރާސްޓްރަކްޗާރ އޭލިއަންސް (އޯއައިސީ) ޕްރޮޖެކްޓުގެ ދަށުން ތިނަދުއަށް ގެންގޮސްފައި ހުރި ސާމާނަކީ ޕްލޭނިންގ މިނިސްޓްރީގެ ސާމާނުތަކެއްތޯ، ނޫނީ ދިވެހި ދައުލަތުގެ ސާމާނުތަކެއްތޯ ސުވާލު ކުރައްވާފައެވެ.
ސަަންނަ މިނިސްޓަރާއި މި ސުވާލު ކުރައްވާފައި މިވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ފްލެޓު އެޅުމަށްޓަކައި ގެނެސް 12 އަހަރުވަންދެން ބަހައްޓާފައި ހުރި ހިލަތަކެއް ޕަބްލިކް ވޯކްސްގެ ސައިޓަށް ބަދަލުކުރާ މައްސަލައާއި ގުޅިގެންނެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ހައުސިން މަޝްރޫޢަކަށް ތިނަދޫއަށް ގެންގޮސްފައި ހުރި ކޮންސްޓްރަކްޝަން މެޓީރިއަލަކީ އޭރުގެ ސަރުކާރުގައި ހިންގަން ނިންމާފައިވާ ޕްރޮޖެކްޓަކަށް އެރަށަށް ގެންގޮސްފައި ހުރި ސާމާނުތަކެއް ކަމަށެވެ.
” ސަރުކާރުން ހިންގި ޕްރޮޖެކްޓަކަށް ގެންގޮސްފައި ހުރި ސާމާނު. އެތަކެއްޗަކީ އެ ކޮންޓެކްޓް އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައި ހުރި ފަރާތުން އެތަނަށް ގެންގޮސްފައި ހުރި ސާމާނު. އެ ކޮންޓްރެކްޓް ކުރިއަކަށް ނުދިޔަ. އަދި ހުރީ އޭރު ތިނަދޫގައި މަސައްކަތް ކުރުމަށް ކަނޑާއަޅާފައި ހުރި ސައިޓުގަ. މިހާރު އެސައިޓާ ބެހެން މަސައްކަތްތަކެއް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން ބޭނުންވާތީ އެތަނުން އެހެން ތަނަކަށް އެތަކެތި ގެންދިޔައީ. އެއީކީ އަޅުގަނޑުގެ އެއްޗިއްސެއް ނޫން. ޕްލޭނިންގ މިނިސްޓްރީގެ އެއްޗިއްސެއްވެސް ނޫން. އެހެން ނަމަވެސް އެތަކެތި ސަރުކާރުން ހިންގާ އެހެން މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކާ އެތަކެތި އެހެން ތަނަކަށް ރީލޮކެޓް ކުރަން އެބަޖެހޭ” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ގދ.އަތޮޅު ކައުންސިލުން ޕްލޭނިންގ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެސިޓީގެ ޖަވާބު ވަރަށް ތަފްސީލުކޮށް ދީފައިވާނެ ކަމަށެވެ.
” އަތޮޅު ކައުންސިލުން އެބައޮތް ޖަވާބެއް އަޅުގަނޑުމެންނަށް ފޮނުވާފަ ތިމަންނަމެންނަށް މިހާރު މިކަން ސާފުވެއްޖެ ކަމަށް، އަދި ތިކަން ކުރުމުގެ ތިމަންނަ މެންގެ އެއްވެސް މައްސަލައެއް ނެތް ކަން.” މިނިސްޓަރ ވިދާޅުވިއެވެ.

